ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެ ކުންފުނީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ބޭއްވި އާއިލީ ހަވީރަށްފަހު މިރޭވެސް ހާއްސަ ހަރަކާތެއް ކުރިއަށްދާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ސްޓެލްކޯގެ ބިޒިނަސް ސެންޓަރުގެ މަސައްކަތް ކުރި މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި އާއިލީ ހަވީރު ކުރިއަށް ގެންދިޔައީ މިއަދު ހަވީރު 4:00 އިން 6:00 އަށް ސްޓެލްކޯ ބިޒްނަސް ބިޒްނަސް ސެންޓަރުގައެވެ.
ސްޓެލްކޯއިން މައުލޫމާތު ދެއްވާ ގޮތުގައި މި ހަރަކާތަކީ އެ ކުންފުނީގެ މުވައްޒަފުން ވޭތުވެދިޔަ ހަ މަސް ދުވަހު ބުރަކޮށް މަސައްކަތްކޮށް، ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާތީ، އެ މުވައްޒަފުންގެ ހިތްވަރާއި ޖޯޝާއި މަސައްކަތުގެ ނަމޫނާ އަޚުލާގު ފާހަގަކޮށް، އެ މުވައްޒަފުންގެ ހުނަރުވެރިކަން މުވައްޒަފުންގެ އާއިލާތަކަށް ދައްކާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން، ސްޓެލްކޯއިން ބޭއްވި އާއިލީ ހަވީރު/ ފޮޓޯ: ސްޓެލްކޯ
މި އާއިލީ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. އަދި ކުޑަކުދިންނަށް ޚާއްޞަ ހަރަކާތްތަކެއްވެސް މި ހަވީރުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި ސްޓެލްކޯއިން ތަރައްޤީކޮށްފައިވާ ބިޒްނަސް ސެންޓަރު ހުޅުވުމަށް ވަނީ ގާތްގަނޑަކަށްހެން ތައްޔާރުވެފައެވެ. އަދި މިއީ ކުރު މުއްދަތެއްގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ ހުނަރުތައް ފެނިގެންދިޔަ މަސައްކަތެއް ކަމަށާއި އެ އިމާރާތް ހެދުމުގައި މުވައްޒަފުންގެ އެއްބާރުލުމުގެ ސަބަބުން ކުންފުންޏަށް މާލީގޮތުން ފައިދާވި ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
މި ހަރަކާތުގެ ދެވަނަ ބައި މިރޭ 8:00 އިން 9:30 އަށް ކުރިއަށް ކުރިއަށް ގެންދިއުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

