މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ރާއްޖެއިން ގޮވާލައިފިއެވެ.
މި މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭ ގާނޫނީ ސުވާލުތަކަށް،އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގެ އިސްތިޝާރީ ލަފައެއް ހޯދުމަށް އެދި އ.ދ. ގެ 77 ވަނަ އާންމު މަޖިލީހުގެ 77/276 ވަނަ ގަރާރުގެ ދަށުން ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ އައިސީޖޭއަށް ހުށަހަޅާފައިވަނީ ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ) އިންނެވެ.
އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގައި އިއްޔެ ފެށުނު މި މައްސަލައިގެ އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ބަޔާން ދެއްވީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ. މޫސުމީ ބަދަލުތަކާ ދެކޮޅަށް ވަކާލާތު ކުރައްވައި، އޭގެ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެނޑިނޭޅި ގޮވާލައްވަމުން ގެންދަވާކަން، އުޝާމު ވަނީ ފާހަގަ ކުރައްވާފައެވެ.
އުޝާމް ވިދާޅުވީ، "ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ދިވެހިރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް އަލިއަޅުވާލައި، ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ތަފްސީލުކޮށްދެވިފައިވާނެ" ކަމަށެވެ.
މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްއޫލިއްޔަތެއްކަން އުޝާމް ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައިގައި ދިވެހި ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ރާއްޖެ ނާޒުކުކަމާއި، އެ އަސަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލުކުރަން ޖެހުމަކީ ދިވެހި ސަރުކާރުން ދެކޮޅު ހަދާ ކަމެއްކަންވެސް އުޝާމް ފާހަގަކުރެއްވިއެވެ.

