ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ، ފަޅުގެއެއް ކައިރީ، މަގުމަތީގައި 33 އަހަރުގެ ޒުވާނަކު މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ. ދާންދޫ ކައުންސިލުން ވަނީ ހުވަދޫމީޑިއާއަށް މިކަން ކަށަވަަރު ކޮށްދީފައެވެ.
މަރުވެފައި އޮތް ޒުވާނާ ފެނިފައިވަނީ ދާންދޫ ފެނަކަ އިންޖީނުގެއާ 200 ވަރަކަށް ފޫޓު ދުރުގައި މީހުން ދިރިނޫޅޭ ގެއެއްގެ ކައިރީ މަގު މަތިންނެވެ.

ޒުވާނާ ނިޔާވެފައި އޮއްވާ ފެނުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި. –
އެޒުވާނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށްވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނުނު ޒުވާނާގެ ހަށިގަނޑަށް އޮތީ ހިނި އަރައި ހަށިގަނޑު ހަރުވެފައެވެ.
ޒުވާނާ މަރުވެފައި އޮއްވާ ފެނުނީ އެރަށުގައި ދިރިއުޅޭ ކަނޑުހުޅުދޫ ޒުވާނަކާއި އޭނާގެ އަނބިމީހާއަށެވެ. އެދެމަފިރިން އެމަގުން ލާފައި ދަނިކޮށް ވެއްޓިފައި އޮތް މީހަކު ފެނުނު ކަމަށާއި ބަލާލިއިރު ލޯވެސް ހުޅުވިފައި އަތްވެސް އޮތީ ހުޅުވިފައި ކަމަށާއި އަދި އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށްވެސް ވަނީ ބުނެފައެވެ. "ފުރަތަމަ ފެނުމުން ހީކުރީ ފިޓު ޖެހިފައި ކަމަށް، ގޮވާ ވާހަކަދައްކަންވެސް އުޅުނިން، އެކަމަކު ދެން އެނގިއްޖެ މަރުވެފައިކަން، އެހެންވެ އަވަހަށް އެހެން މީހުންނަށް ގޮވައިގެނައީ،" ޒުވާނާގެ ހަށިގަނޑު ފުރަތަމަ ފެނުނު ޒުވާނާ މައުލޫމާތުދެމުން ބުންޏެވެ.
މަރުވި ޒުވާނާއަކީ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ، ނަގަހެލަ، 33 އަހަރުގެ އަހުމަދު އަބްދުﷲ (ޑޭބީ) ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ދާންދޫ، ނަގަހެލަ، 33 އަހަރުގެ އަހުމަދު އަބްދުﷲ (ޑޭބީ) / ފޮޓޯ: އާސިފު،އެފްބީޕޯސްޓު
ޒުވާނާގެ ހަށިގަނޑު މިވަގުތު އޮތީ ދާންދޫ ހެލްތު ސެންޓަރުގައި ކަމަށް އެރަށު ހެލްތުސެންޓަރުން ވަނީ ޔަގީންކޮށްދީފައެވެ.
ފުލުހުންގެ ޓީމެއް އެރަށަށް ދަތުރުކުރަމުންދާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

