އާންމުންނާ އެކު އެކުވެރި މާހައުލެއްގައި ބައްދަލުވެ، ވާހަކަ ދައްކާލުމަށް "ފުލުހަކާ އެކު ކޮފީއެއް" ގެ ނަމުގައި ހާއްސަ ހަރަކާތެއް ފުލުހުން އިއްޔެ ފަށައިފި އެވެ. މި ހަރަކާތަކީ އާންމުންނާ ގާތުން ހިދުމަތް ދިނުމަށާއި، ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް ފުލުހުން ކުރިއަށް ގެންދާ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.
"ފުލުހަކާ އެކު ކޮފީއެއް" ހަރަކާތް ފަށާފައި ވަނީ ހުޅުމާލެ 2 ވަނަ ފިޔަވަހިންނެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 18:00 އަށް، ވިނަރެސް ފްލެޓު 8 ގައި ހުންނަ ބުރުޒު ބީ8 ގައެވެ. މި ހަރަކާތަކީ އާންމުންނާ ގުޅުން ބަދަހިކުރުމުގެ ކާމިޔާބު ފެށުމެއް ކަމުގައި ފުލުހުން ސިފަކޮށްފައިވެ އެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި ގިނަ ބައެއްގެ ބައިވެރިވުން ލިބި، ހުޅުވިގެންވާ މާހައުލެއްގައި ފުލުހުންނާ އެކު މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. އަދި މިފަދަ ހަރަކާތްތަކަކީ އާންމުންގެ އިތުބާރު ހޯދައި، ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން ކުރިއަށް ގެންދިޔަ "ފުލުހަކާ އެކު ކޮފީއެއް" ގެ ތެރެއިން / ފޮޓޯ:ފުލުހުން
"ފުލުހަކާ އެކު ކޮފީއެއް" އަކީ ސިލްސިލާކޮށް ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވި އެވެ. މީގެ ކުރިން، މުޅި ރާއްޖެ ހިމެނޭ ގޮތަށް "ވޯކް އެންޑް ޓޯކް" ގެ ނަމުގައި ހާއްސަ ހަރަކާތެއް މިދިޔަ މަހު ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ފާހަގަ ކުރެއްވި އެވެ.
ފުލުހުން މި ހަރަކާތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި މިފަދަ ހަރަކާތްތަކަކީ އަމާން މުޖުތަމައެއް ގާއިމު ކުރުމަށާއި ރައްޔިތުންނާ ގުޅުން ބަދަހި ކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ފާހަގަކުރައްވާފައިވެ އެވެ.

