ޕޯސްޓުން ގެނައި މަސްތުވާތަކެތި ބަލައިދިޔަ މީހަކު ހައްޔަރުކޮށް، 20 ދުވަހަށް ބަންދު ކޮށްފި އެވެ،
އިއްޔެ ކުރިމިނަލް ކޯޓުގެ މުއްދަތު ކޮމިޓީއަށް ހާޒިރު ކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުން އެދުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 20 ދުވަސް ޖަހައިދީފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފުލުހުން ވަނީ މި މައްސަލައިގައި ހެކީގެ ގޮތުގައި ހާދިސާ ހިނގިތަނަށް ދިޔަ ފުލުހެއްގެ ބަޔާނާއި، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު އަދި ކުޑަކަމުދާތަކެތީގެ ރިޕޯޓު ހުށަހަޅާފައެވެ.
މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަނަކީ 980 ގްރާމު ކަމަށް ކޯޓު އަމުރުގައި ބަޔާން ކޮށްފައި ވެއެވެ. އަދި މި މަސްތުވާތަކެތި ފޮރުވާފައިވާ ޕެކޭޖު އެޑްރެސްކޮށްފައިވަނީ އެ މުއްދަތުގައި ދޫނިދޫ ކަސްޓޯޑިއަލްގެ ބަންދުގައި ހުރި ފަރާތަކަށް ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ. ތުހުމަތުކުރެވޭ ފަރާތުން މި ޕެކޭޖާ ހަވާލުވާން ދިޔައީ އިތުރު މީހަކު ބުނެގެން ކަމަށްވެސް އަމުރުގައި ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލަ ތަހުގީގުކޮށް 8 ދުވަހުގެ ތެރޭގައި ތުހުމަތުކުރެވޭ ފަރާތަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކީ މަސްތުވާތަކެތީގެ ރެކޯޑު އޮތް މީހެއްކަން ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

