ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ކުރިން ކަނޑައަޅާފައި އޮތް ތާރީހަށްވުރެ އަވަސް ތާރީހެއްގައި އެތަން ހުޅުވައި ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ވައިގެ ދަތުރު ފަތުރުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައެވެ. މި ހިތާބުގައި ވަޒީރު ވަނީ 21 ވަނަ ގަރުނުގައި މަދަނީ ވައިގެ ދަތުރުފަތުރަކީ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމާއި ތަރައްގީގެ "އިންޖީނު" ކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
"ސަރުކާރުގެ އިސްނެގުމާއެކު މިހާރު މަސައްކަތް ކުރަމުން މިދަނީ ކުރިން ކަނޑައެޅި ތާރީހަށްވުރެ އަވަސް ތާރީހެއްގައި އައު ޓަމިނަލް ހުޅުވާއި ހިދުމަތް ދޭން ފެށުމަށް،" ވަޒީރު އަމީން ވިދާޅުވިއެވެ.
އައު ޓާމިނަލް ހުޅުވުމުން ރާއްޖެއާއި ބޭރުގެ އެއާލައިންތަކުގެ އުދުހުމުގެ ހަރަކާތްތައް އިތުރުވެ، ފަސިންޖަރުންނަށް މިހާރަށްވުރެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ވަޒީރު ވަނީ ރާއްޖޭގެ މަދަނީ އުދުހުމުގެ ސިނާއަތް ސިންދަފާތުކުރުމުގެ ގޮތުން ރާއްޖޭގައި ހެލިކޮޕްޓަރ އޮޕަރޭޝަންތައް އަލުން ފެށުމަށް ތައްޔާރު ވަމުންދާކަންވެސް ފާހަގަ ކުރައްވާފައެވެ. މިކަމުގެ ސަބަބުން މެޑިކަލް އިވެކުއޭޝަން އަދި ރިސޯޓުތަކާއި އެއަރޕޯޓާ ދެމެދު ފަތުރުވެރިން އުފުލުމުގެ ހިދުމަތް ފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އައު ޓާމިނަލް އަންނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިން ބުނެފައިވާއިރު، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން އަންނަ އަހަރުގެ މެދުތެރޭގައި ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އޮޑިޓްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަޒީރު އަމީން ވަނީ ހާމަ ކުރައްވާފައެވެ.

