ގއ. ދާންދޫ މަގުމަތީގައި މަރުވެފައި އޮއްވާ ފެނުނު 33 އަހަރުގެ އަހުމަދު އަބްދުﷲ ގެ ހަށިގަނޑު، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ތިނަދޫސިޓީއަށް ގެންގޮސްފިއެވެ. ފުލުހުންގެ ލޯންޗެއްގައި އަހުމަދުގެ ހަށިގަނޑު ތިނަދޫސިޓީއަށް ގެންދިޔަ ނަމަވެސް، މިކަމާ ގުޅޭ އިތުރު މައުލޫމާތެއް މިވަގުތު ލިބިފައެއް ނުވެއެވެ.
ދާންދޫ، ނަގަހެލަ އަހުމަދު އަބްދުﷲ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 8:10 ހާއިރު ދާންދޫ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމަތިންނެވެ.
މަރުވެފައި އޮތް އަހުމަދުގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށްވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނުނުއިރު އަހުމަދުގެ ހަށިގަނޑަށް އޮތީ ހިނި އަރައި ހަށިގަނޑު ހަރުވެފައެވެ.

އަހުމަދު އަބްދުﷲ ގެ ހަށިގަނޑު، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ތިނަދޫސިޓީއަށް ގެންދަނީ / ދާންދޫއާސިފު އެފްބީ
މަރުވެފައި އޮތް އަހުމަދުގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނުނީ އެރަށުގައި ދިރިއުޅޭ ކަނޑުހުޅުދޫ ޒުވާނަކާއި އޭނާގެ އަނބިމީހާއަށެވެ. އެދެމަފިރިން އެމަގުން ލާފައި ދަނިކޮށް ވެއްޓިފައި އޮތް މީހަކު ފެނުނު ކަމަށާއި ބަލާލިއިރު ލޯވެސް ހުޅުވިފައި އަތްވެސް އޮތީ ހުޅުވިފައި ކަމަށާއި އަދި އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށްވެސް ވަނީ ބުނެފައެވެ. "ފުރަތަމަ ފެނުމުން ހީކުރީ ފިޓު ޖެހިފައި ކަމަށް، ގޮވާ ވާހަކަދައްކަންވެސް އުޅުނިން، އެކަމަކު ދެން އެނގިއްޖެ މަރުވެފައިކަން، އެހެންވެ އަވަހަށް އެހެން މީހުންނަށް ގޮވައިގެނައީ،" ޒުވާނާގެ ހަށިގަނޑު ފުރަތަމަ ފެނުނު ޒުވާނާ މައުލޫމާތުދެމުން ބުންޏެވެ.

އަހުމަދު އަބްދުﷲ ގެ ހަށިގަނޑު، ތިނަދޫސިޓީއަށް ގެންދިޔައީ ފުލުހުންގެ ލޯންޗެއަގި / ދާންދޫއާސިފު އެފްބީ
ދާންދޫ ހެލްތު ސެންޓަރުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، އަހުމަދު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައެވެ.
އަހުމަދުގެ އާއިލާއިން ބުނާ ގޮތުގައި އަހުމަދުގެ ހަށިގަނޑު ފެނުނީ، ރޭއްސުރެ އަހުމަދު ވީތަނެއް ނޭނގި، އަހުމަދުގެ ހަބަރެއް ނުވެގެން ފެނޭތޯ މަސައްކަތްކުރަމުން ދަނިކޮށް ކަމަށެވެ.

