މާފަންނު މަދަރުސާގެ ދަރިވަރުން އެދުނުގޮތަށް އެ ސްކޫލްގެ ތިރީބުރީގައި އަންނަ އަހަރު ހޯލެއް އިމާރާތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަޘ ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގައި ކިޔަވަމުންދާ ތުއްތު ކުދިންތަކެއް ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.
މި ރަސްމިއްޔާތުގައި މާފަންނު މަދަރުސާގެ ކިޔަވާ ތުއްތު ކުދިންތަކެއް ހުށަހެޅި ޕްރެޒެންޓޭޝަނެއްގައި ވަނީ އެ ސްކޫލްގެ ހޯލު މަތީ ފަންގިފިލައެއްގައި ހުރުމުގެ ސަބަބުން އެކުދިންގެ މާމަމެންނާއި ކާފަމެންނަށް ހޯލަށް ވަނުމަށް ދަތިވެފައިވާކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. މި ކަންބޮޑުވުމާއި ގުޅިގެން ރައީސް ވަނީ އަންނަ އަހަރު އެ ސްކޫލްގެ ގްރައުންޑްގައި ހޯލެއް އަޅުއްވައި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
“މިއަންނަ އަހަރު މި ސްކޫލްގައި ތުއްތު ކުދިންގެ މާމައިންނާއި ކާފައިންނަށް ފަސޭހައިން ވަދެވޭގޮތައް ބިންމަތީގައި ހުންނަ ހޯލެއް ހަދައިދޭނެކަމުގެ ޔަޤީންކަން އަރުވަން.” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މާފަންނު މަދަރުސާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަރަށް ލޯތްބާއި ކުލުނާއެކު އެހީތެރިކަން ދެމުންދާ ސްކޫލެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްގޮތަށް ކިޔެވުމުގެ މަގު ފަހިކޮށްދިނުމަށް ސެން ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވެފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މާފަންނު މަދަރުސާއަށް ޚިދުމަތް ކުރައްވާފައިވާ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

