މާލޭގެ މެރީބްރައުން ސަރަހައްދު ޕާކުގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖަހައި އަނިޔާކުރަމުންދާތީ، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފީލައިން ވެލްފެއާ އޯގަނައިޒޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފީލައިން ވެލްފެއާއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މެރީބްރައުން ކައިރީގައި އޮންނަ ޕާކިންގ އޭރިޔާގައި އުޅޭ ބުޅާތައް ބަލަހައްޓަމުން ގެންދަނީ އެ ޖަމިއްޔާއިން ކަމަށާއި ފަހަކަށް އައިސް އެތަނުގައި އުޅޭ ބުޅާތަކަށް އަނިޔާކުރަމުންދާ ކަމަށް އެ ޖަމިއްޔާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މެރީބްރައުން ސަރަހައްދުގައިއުޅޭ ބުޅާތަކަށް ކާންދީ ހޭހަންކޮށްދެނީ ފެލީންޖަމިއްޔާގެ ފަރާތުން / ފެލީންޖަމިއްޔާގެއެފްބީ
ފީލައިން ވެލްފެއާއިން ހާމަކުރި ގޮތުގައި، އެ ސަރަހައްދުގެ ބައެއް ބުޅާތަކަށް ނޫކުލައިގެ ޕެއިންޓް ސްޕްރޭ ޖަހާފައިވެއެވެ. މިއީ ބުޅާތަކަށް އަނިޔާއެއް ދިނުމުގެ އިތުރުން، ނުރައްކާތެރި ކެމިކަލްތަކަށް ބުޅާތައް ހުށަހެޅިގެންދާ އަމަލެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ބުޅަލަށް ކާތަކެތި އަޅަން ބޭނުންކުރާ ތަށިތަކަށްވެސް ސްޕްރޭ ޖަހާފައިވާކަން ފާހަގަކޮށްފައިވެއެވެ.
"އަޅުގަނޑުމެން މި ފިނޑި އަދި އިންސާނިއްޔަތުކަމެއް ނެތް އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ފީލައިން ވެލްފެއާއިން ބުންޏެވެ. އަދި މިފަދަ ކަމެއް ފެނިއްޖެނަމަ ރިޕޯޓްކުރުމަށް އާންމުންނަށް ގޮވާލާފައިވެއެވެ.

މެރީބްރައުން ސަރަހައްދުގައިއުޅޭ ބުޅާތަކަށް ކާންދީ ހޭހަންކޮށްދެނީ ފެލީންޖަމިއްޔާގެ ފަރާތުން / ފެލީންޖަމިއްޔާގެއެފްބީ
ހަމައެހެންމެ، ބުޅާތަކަށް އެކަށީގެންވާ ހިޔާވަހިކަމެއް ފޯރުކޮށްދިނުމަށްވެސް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބުޅާތަކަށް ކެޓް ޝެލްޓާއެއް، ހޮޅުހިޔާ ގާއިމުކޮށްފައިވީ ނަމަވެސް، އެ ތަން އޮޕަރޭޝަނަށް ގެނައުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ވެފައި ނުވާތީ، އެގްރިކަލްޗަރ މިނިސްޓްރީގެ ލަފާގެ މަތިން އެތަން ހުޅުވި ނަމަވެސް، ރަސްމީއުސޫލުން ތަން ހިންގައި، ބުޅާ ގެންގޮސް ބެލެހެއްޓުންފަދަ ކަންކަން ވަނީ ފެށޭ ގޮތް ނުވެފައެވެ.

