އާންމުކޮށް ބޭނުންކުރާ ޕްލާސްޓިކް އުފެއްދުންތަކުގައި ހިމެނޭ 400 އަށްވުރެ ގިނަ ކެމިކަލް އިން އުރަމަތީގެ ކެންސަރަށް މަގުފަހިވާ ކަމަށާއި، މި ނުރައްކާތެރި މާއްދާތަކަކީ އަންހެނުންގެ މެދުގައި އިތުރުވަމުންދާ ކެންސަރުގެ ރޭޓްތަކުގެ ސަބަބަކަށް ވެދާނެ ކަމަށް އައު ދިރާސާއަކުން ދައްކައެވެ.
ޕީއެފްއޭއެސް، ފެލޭޓްސް، ޕެރަބެންސް އަދި އެރޮމެޓިކް އެމީންސް ފަދަ ގިނަ ވިހަ ކެމިކަލްތައް ބޭނުންކުރަނީ ކާނާ ބަންދުކޮށް ގިނަ ދުވަހު ބެހެއްޓުމަށާއި ކޮސްމެޓިކްސް އުފެއްދުންތަކުގަ އާއި، އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތަކުގައެވެ. މީގެ ސަބަބުން މިފަދަ ކެމިކަލްތަކަށް ހުށަހެޅުމަކީ ވަރަށް އާންމު ކަމަކަށްވެފައިވެއެވެ.
މި ރިޕޯޓުގެ ހޯދުންތަކުން އެނގެނީ ޕްލާސްޓިކްގެ ބާވަތްތައް އެންމެ އެދެވޭ މިންވަރަށް ބެލެވިފައި ނުވާކަން ކަމަށް ސައިލެންޓް ސްޕްރިންގ އިންސްޓިޓިއުޓްގެ ލިޔުންތެރިއެއްކަމަށްވާ ރުތްއެން ރުޑެލް ބުނެފައިވެއެވެ. އަދި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
"ޕްލާސްޓިކްއަކީ މިހާރު އެނގޭ ގޮތުގައި އުރަމަތީގެ ކެންސަރަށް މަގުފަހިވާ ކެމިކަލްތަކެއް ހިމެނޭ އެއްޗެއް. އަދި ޕްލާސްޓިކް ބާވަތްތަކުގައި މި ކެމިކަލްތައް ބޭނުންކުރުން ހުއްޓުވުމުގެ ބާރު އޮތް ފަރާތްތަކުން އެ ކެމިކަލްތައް ބޭނުންކުރުން ހުއްޓުވަން ޖެހޭ." ރުޑެލް ބުނެފައިވެއެވެ.
ޕްލާސްޓިކަކީ ވިހަ މާއްދާތައް އެކުލެވޭ އެއްޗެއްކަން ގިނަ ބަޔަކަށް އެނގެއެވެ. އޭގައި 16،000 އަށްވުރެ ގިނަ ކެމިކަލް ހިމެނޭކަމަށް ލަފާކުރެވެއެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ކެމިކަލްތަކަކީ އޭގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ނުވަތަ ތިމާވެއްޓަށް ހުރި ނުރައްކާތެރިކަން އެނގިފައިވާ ކެމިކަލްތަކެވެ. އަދި އަނެއްބައި ކެމިކަލްތަކަކީ އާންމުކޮށް އޭގެ ވިހަކަން މާބޮޑަކަށް އެނގިފައިނުވާ ކެމިކަލްތަކެވެ.
މި ރިޕޯޓަކީ ފަހަކަށްއައިސް ސައިލެންޓް ސްޕްރިންގުން ކުރި ދިރާސާއެއްގެ ނަތީޖާގެ މައްޗަށް ބިނާކޮށްފައިވާ ރިޕޯޓެކެވެ. އެ ދިރާސާއިން ދެނެގަނެވުނީ ވިޔަފާރީގެ ބޭނުމަށް ބޭނުންކުރާ 900 އަށްވުރެ ގިނަ ކެމިކަލެއް އުރަމަތީގެ ގުޅިފައިވާ ކެންސަރާ ކަމަށެވެ. ރުޑެލްގެ ޓީމުން މި ކެމިކަލްތަކާއި ޕްލާސްޓިކް ކެމިކަލްތަކުގެ ޑޭޓާބޭސްއަކާ އަޅާކިޔުމުން 414 ކެމިކަލެއް ވަނީ ދިމާވެފައެވެ.
މި ދިރާސާގެ ލިޔުންތެރިން ފާހަގަކުރާ ގޮތުގައި އަންހެނުންނަށް ފިރިހެނުންނަށްވުރެ ދެގުނަ ބޮޑަށް 50 އަހަރު ވުމުގެ ކުރިން ކެންސަރު ޖެހުމުގެ ފުރުސަތު އޮވެއެވެ. އުރަމަތީގެ ކެންސަރަކީ މީގެ މައިގަނޑު ސަބަބެވެ. އަދި ޕްލާސްޓިކް ކެމިކަލްތަކަށް ހުށަހެޅުމަކީ މި މައްސަލަ އަށް މަގުފަހިވާ ކަމަކަށް ވެދާނެއެވެ.
ޖަނަވާރުން ބޭނުންކޮށްގެން ކުރި ޓެސްޓުތަކުން މި ކެމިކަލްތައް އުރަމަތީގެ ކެންސަރު އުފެދުމަށް މަގުފަހިކުރެއެވެ. ނުވަތަ ހޯމޯންސް ތަކަށް އަސަރުކުރެއެވެ. އެހެންނޫންނަމަ ޖެނެޓިކްސް އަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. މިއިން ކޮންމެ ގޮތަކުންވެސް އުރަމަތީގެ ކެންސަރަށް މަގުފަހިކުރެއެވެ.

އުރަމަތީގެ ކެންސަރުގެ ސަބަބުން އުމުރުން 50 އަހަރުގެ ކުރިން އަންހެނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ފިރިހެނުންނަށް ވުރެ ދެގުނަ ބޮޑު.
ފެލޭޓްސް ބޭނުންކުރަނީ ޕްލާސްޓިކް ފަސޭހައިން ފަޅައިގެންނުދާ ގޮތަށް ހެދުމަށެވެ. އަދި ޕީއެފްއޭއެސް ބޭނުންކުރަނީ ތަތްލެވުން ހުއްޓުވުމަށް ނުވަތަ ޕެކޭޖެއްގައި ހިމެނޭ ނާޒުކު އެއްޗެއްހި ރައްކާތެރި ކުރުމަށެވެ. ރުޑެލް ބުނި ގޮތުގައި އޭނާ އެންމެ ބޮޑަށް ކަންބޮޑުވަނީ އެރޮމެޓިކް އެމީންސްއާ ދޭތެރޭގައެވެ. މި މާއްދާތައް ގިނައިން ބޭނުންކުރެވެނީ އެއްޗެއްސަށް ކުލަ ގެނައުމަށެވެ. މިއީ ވަރަށް އާންމު އެއްޗެކެވެ. އަދި މި ބާވަތުގެ ކެމިކަލްތަކާއި ބެހޭ ގޮތުން ލިބިފައިވާ މަދު މަޢުލޫމާތުން އެނގޭ ގޮތުގައި މިއީ ކެންސަރަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު އެއްޗެކެވެ.
އެނގިފައިވާ ނުރައްކާތަކާ އެކުވެސް، ޕްލާސްޓިކަކީ ޖުމްލަ ގޮތެއްގައި ވަރަށް މަދުން ބެލެހެއްޓޭ އެއްޗެކެވެ. މިއީ ގިނަފަހަރަށް ޕެޓްރޯކެމިކަލް އަދި ޕްލާސްޓިކް ސިނާޢަތުގެ ނުފޫޒާއި ބާރުގެ ސަބަބުންނެވެ. ނަމަވެސް މި ތަކެތި ބަލައި ފާސްކުރެވޭނަމަ ވަދުކުރެވިދާނެއެވެ. ކެލިފޯނިއާގެ ޕްރޮޕޮޒިޝަން 65 ޤާނޫނަށް ބައެއް ފެލޭޓްސް މަނާކޮށް އެ ޤާނޫނުން ކަނޑައެޅޭ ވިހަ ކެމިކަލްތައް ހިމެނޭ ކޮންސިއުމަރ މުދާ މަނާކުރުމުން، ކެލިފޯނިއާގެ މީހުންގެ ލޭގައި މި ނުރައްކާތެރި މާއްދާ ހުރި މިންވަރު ދަށްވެފައިވެއެވެ.
ވިހަ ކެމިކަލްތައް މަދުކުރުމުގައި ގިނަ ކާމިޔާބީތައް ލިބިފައިވަނީ ސްޓޭޓް ފެންވަރުގައި ކަމަށް ރުޑެލް ބުނެފައިވެއެވެ. އަދި އޭނާ އިތުރަށް ބުނި ގޮތުގައި މިކަން ބަލަހައްޓާ ފަރާތްތަކުން ވަކިވަކި ކެމިކަލްތަކުގެ ބަދަލުގައި ކެމިކަލްގެ ގްރޫޕްތަކަށް އަމާޒުކޮށްގެން މަސައްކަތް ކުރަން ފަށަންޖެހެއެވެ.
ދުނިޔެއިން ޕްލާސްޓިކް އުފެއްދުން މަދުކުރަން ޖެހޭ ކަމަށް ރުޑެލް ބުނެފައިވެއެވެ. އަދި އދ. އިން ބާރުއަޅާ ޕްލާސްޓިކް މުޢާހަދާއަކީ މިކަމަށް އެދެވޭ ވަސީލަތަކަށް ވެދާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، މި މަސައްކަތަށް ހުރަސްއެޅިފައިވަނީ އެމެރިކާ ފަދަ ތެޔޮ އުފައްދާ ނުފޫޒުގަދަ ޤައުމުތަކުން އެއްބާރުލުން ނުދިނުމުގެ ސަބަބުންނެވެ.
ވަކިވަކި ފަރުދުންގެ ފެންވަރުގައި، އަންހެނުން އަމިއްލަ ރައްކާތެރިކަމަށް ބައެއް ފިޔަވަޅުތައް އެޅިދާނެއެވެ. އާންމުކޮށް މި މާއްދާތަކަށް ހުށަހެޅެނީ ކާއެއްޗެހީގެ ޒަރިއްޔާއިން ކަމަށްވާތީ ބަދިގޭގައި ބޭނުންކުރެވޭ ސާމާނާއި ކާނާ ބަންދުކުރާ ތަކެތީގައި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުން މި މާއްދާތަކަށް ހުށަހެޅުން ވަރަށް ބޮޑަށް މަދުކުރެވިދާނެއެވެ.

