ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން އުފެއްދުމަށް އައު ކޮންސެޕްޓެއްގައި ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ހާމަކުރެއްވީ މާފަންނު މަދަރުސާގެ 40 އަހަރުގެ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވި ގޮތުގައި، މި އައު ޕްރޮގްރާމުގެ ދަށުން ހުރިހާ ޓީޗަރުންނަކީ ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭ ފެންވަރަށް ތަމްރީނުވެފައިވާ ބަޔަކަށް ހެދުމަށް މަސައްކަތްކުރާނެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިހާރުވެސް މި ޕްރޮގްރާމު ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
“ހާއްސަ ގޮތެއްގައި ސެން ޓީޗަރުން ތަމްރީނު ކުރުން މިހާރުވެސް އެޑިއުކޭޝަން މިނިސްޓރީއިން އާ ޕްރޮގްރާމެއް ފެށުމުގެ މަރުހަލާގައި އެ ދަނީ، އާ ކޮންސެޕްޓެއްގަ، އިންކުލޫސިވް ގޮތެއްގައި ހުރިހާ ޓީޗަރުންނަކީވެސް އެ ދާއިރާއަށް ތަމްރީނު ލިބިފައިވާ ޓީޗަރުންނަށް ހެދުމަށް ހާއްސަކޮށް އެދާއިރާގެ ޓީޗަރުން އުފެއްދުމައް މަސައްކަތްތަކެއް ކުރިއަށް އެދަނީ” ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޓީޗަރުންނަށް މި ޕްރޮގްރާމު ފަށައިގެން ޑިޕްލޮމާއިން ފެށިގެން ޑިގްރީ ފެންވަރަށް ތަމްރީނު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އަދި ސެން ޓީޗަރުންނަށް ރިސްކް އެލަވަންސްގެ ގޮތުގައި ހާއްސަ އިނާޔަތެއް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަފާތުކުރުމެއް ނެތި، އިންކްލޫސިވް ގޮތެއްގައި ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ. އަދި މިކަމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

