މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މުހިންމު ބަދަލުތަކެއް ގެންނަވައިފިއެވެ. މި ބަދަލުތައް ގެނެވިފައިވަނީ ބޯޑުގައި ހިމެނޭ ޕްރައިވެޓް ސެކްޓަރގެ މެންބަރުންނަށެވެ.
އެމްއެމްއޭއިން ބުނީ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ދެ މެންބަރުން ކަމުގައިވާ އައްސަދު އަލީ އަދި މުހައްމަދު ޝަހުދީ އަންވަރު ވަނީ މަގާމުން ވަކިކުރައްވާފައެވެ. އެމްއެމްއޭއިން އިތުރަށް ހާމަކުރި ގޮތުގައި، މި ބަދަލަކީ އެ އޮތޯރިޓީގެ ބޯޑަށް ވަގުތުން ވަގުތަށް ގެންނަވާ އާންމު ބަދަލުތަކުގެ ތެރެއިން ބައެކެވެ.
އައްސަދު އަލީ އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އެވެ. އަދި މުހައްމަދު ޝަހުދީ އަންވަރަކީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަންއެވެ. މި ދެ ބޭފުޅުން އެމްއެމްއޭގެ ބޯޑަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.
މި ބަދަލާ ގުޅިގެން އަލަށް އައްޔަންކުރެވޭ މެންބަރުންގެ މައުލޫމާތު އަދި ހާމަކުރައްވާފައެއް ނުވެއެވެ.

