ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ މަރުކަޒު "ފިޔަވަތި"ގެ އަހަރީ ޙަފުލާ ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިއަދު ހަވީރު ފަރުކޮޅުފުށީގައި ބޭއްވުނު މި ޙަފުލާގައި އެކަމަނާ ވަނީ، ފިޔަވަތީގެ ކުދިން ހުށަހެޅި ތަފާތު ހަރަކާތްތައް ބައްލަވާލައްވައި، އެކުދިންނަށް ހަދިޔާ ޙަވާލުކޮށްދެއްވާފައެވެ.
މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ފިޔަވަތީގެ ކުދިންނާއެކު ހަވީރުގެ ސައިފޮދެއްގައި ބައިވެރިވެވަޑައިގެން، އެކުދިންނާ ބައްދަލުކުރައްވައި، އެކުދިންނާއެކު ވަގުތު ހޭދަކުރައްވާފައެވެ. އަދި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިން ފިޔަވައްޗަށް ހަދިޔާކުރި "ގޭމް ރޫމް" އެ މަރުކަޒާ ރަސްމީކޮށް ހަވާލުކޮށްދެއްވާފައިވަނީވެސް މިއަދުގެ ޙަފުލާގައެވެ.
"ފިޔަވަތި ފަން ޑޭ" އަކީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން، ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން، މުނިފޫހި ފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކާއި، ހަދިޔާ ދިނުމާއެކު އެކުދިންނަށް އުފާވެރި މަޖާ ދުވަހެއް ފާހަގަކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. ކުރީ އަހަރުތަކާ ހިލާފަށް، މި އަހަރު މި އިވެންޓު ފާހަގަކޮށްފައިވަނީ އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކުގައެވެ.

ކުޑަކުދިންގެ މަރުކަޒު "ފިޔަވަތި"ގެ އަހަރީ ޙަފުލާގެ ތެރެއިން / ފޮޓޯ : ރައީސް އޮފީސް
މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތްތައް ފެށީ ހެނދުނު 8:30 ގައި ހެނދުނުގެ ސައިންނެވެ. އޭގެފަހުން، ޕިކްނިކާއެކު ބީޗް ގޭމްސްތަކުގެ އިތުރުން މެންދުރުފަހު ރޮބޯ މޭންގެ އެންޓަރޓެއިންމަންޓާއި ޕޫލް ޕާޓީއެއް ވަނީ ބާއްވާފައެވެ. ހަވީރުގެ ސަޔާއެކު "ފަން ޑޭ" ނިންމާލުމުގެ ގޮތުން ބޮޑު ޕާޓީއެއް ވަނީ ބާއްވާފައެވެ. މި ޕާޓީގައި ފިޔަވަތީގެ ކުދިންގެ ހުށަހެޅުންތަކާއި ހަދިޔާ ބެހުން އަދި ކޭކު ފެޅުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކުޑަކުދިންގެ މަރުކަޒު "ފިޔަވަތި"ގެ އަހަރީ ޙަފުލާގެ ތެރެއިން / ފޮޓޯ : ރައީސް އޮފީސް
މި އަހަރުގެ މި އިވެންޓުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ދެ ގޭމިންގ ރޫމް ހަދިޔާ ކުރުމެވެ. އެގޮތުން އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ވަނީ ފިޔަވަތީގައި މި ގޭމިން ރޫމްތައް ތަރައްގީ ކުރުމަށް 240،000 ރުފިޔާގެ ފަންޑު ރެއިޒްކޮށްފައެވެ. އަދި "ފިޔަވަތި ފަންޑޭ" ނިންމާލުމުގެ ގޮތުން އެޗްޑީސީން ވަނީ މި ޑޮނޭޝަން ފިޔަވައްޗާ ހަވާލުކޮށްފައެވެ.
އެޗްޑީސީގެ ފަރާތުން ގޭމިން ރޫމްތައް ހަވާލުކުރެއްވީ އެމްޑީ ފަޒުލް ރަޝީދެވެ. އަދި ފިޔަވަތީގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ފިޔަވަތި ހިންގުމާ ހަވާލުވެހުންނެވި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސްމާ ހަސަން މަނިކެވެ.

ކުޑަކުދިންގެ މަރުކަޒު "ފިޔަވަތި"ގެ އަހަރީ ޙަފުލާގެ ތެރެއިން / ފޮޓޯ : ރައީސް އޮފީސް
ހަސްމާ ވިދާޅުވީ، އެ ގޭމިން ރޫމްތަކަކީ ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ. "އެޗްޑީސީގެ ސްޓާފުން އިސްނަގައިގެން ފިޔަވަތި ކުދިންނަށް ހަދިޔާކުރި ޕްލޭ އޭރިއާއަކީ މިވަގުތައް ފިޔަވަތި ކުދިންނަށް ވަރަށް ބޭނުންތެރި، އޭގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދެކެން،" ހަސްމާ ވިދާޅުވިއެވެ.
ފިޔަވައްޗަކީ، ކުޑަކުދިންގެ ހިޔާގެ ބައެއްގެ ގޮތުގައި، ހުޅުމާލޭގައި ހިންގާ މަރުކަޒެކެވެ. މި މަރުކަޒުގައި ދައުލަތުން ބަލަހައްޓަނީ، އުމުރުން 13 އަހަރު ނުފުރޭ ކުޑަކުދިންނެވެ.
"ފިޔަވަތި ފަންޑޭ" ގެ ނަމުގައި އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ވަނީ ފާއިތުވި ދެ އަހަރުވެސް ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން މިފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ކުރީ ދެ އަހަރާ ހިލާފަށް މި އަހަރުގެ މި ދުވަސް ފާހަގަކުރީ އެޗްޑީސީގެ ހުރިހާ ސްޓާފުންގެ ފަރާތުންނެވެ.

