ގިނަ ކުދިންތަކަކަށް އާއިލީ ދިރިއުޅުމެއް ހޯދައިދެވި، އެ މަސައްކަތް ފުޅާކުރަމުންދާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އިއްޔެ ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް އާއިލީ ވެށްޓެއް، ނުވަތަ އާއިލީ ދިރިއުޅުމެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށާއި، އެކަމަށްޓަކައި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ “ކޮންމެ ކުއްޖަކަށް އާއިލާއެއް” ޕްރޮގްރާމު ފަށައި، ގިނަ ކުދިންތަކަކަށް އާއިލީ ދިރިއުޅުމެއް ހޯދައިދެވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އެ މިނިސްޓްރީން ދަނީ ފުޅާކުރަމުން ކަމަށެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިދިޔަ އެއް އަހަރުތެރޭގައި ވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށް ދުރު ރާސްތާއެއް ބިނާކޮށް އެކުދިންނަށް ބޭނުންވާ އަޅައިލުމާއި، ރައްކާތެރިކަން ފޯރުކޮށްދިނުމުގައި، އާއިލާއަކީ މުޖުތަމައުގެ އެންމެ އަސާސީ އިޖުތިމާއީ ބައިކަމަށް ދެކި، އަދި އެއީ އެކުދިންގެ ރައްކާތެރިކަމަށާއި، ދުޅަހެޔޮކަމަށާއި، ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ ތަބީއީ މާހައުލުކަމަށް ދެކި، އެކުދިންގެ އާއިލާއަށް އަނބުރާ ފޮނުވެން އޮންނަ ހާލަތްތަކުގައި އެ ކުދިންގެ އާއިލާއަށް އަނބުރާ ފޮނުވުމަށް ޚާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތް ކޮށްފައެވެ.
އާއިލާއަށް އަނބުރާ ފޮނުވެން ނެތް ހާލަތްތަކުގައި ފޮސްޓަރ ނިޒާމުގެ ތެރެއިން އެކުދިން ފޮސްޓަރކުރެވޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ. އަދި ވަގުތީ ފޮސްޓަރިންގ ދަށުން ކުދިން ފޮސްޓަރކުރުމުގެ އުސޫލުތައް ކަނޑައެޅި، ވަގުތީ ހާލަތެއް މެދުވެރިވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް އެކުދިން އާއިލާއަށް އަނބުރާ ރުޖޫއަވެންދެން އާއިލީ މާހައުލެއް ހޯދައިދިނުމުގެ ފުރުސަތުވަނީ ފަހިވެގެންގޮސްފައެވެ.
ފޮސްޓަރިން ނިޒާމުގެ ތެރެއިން ވަގުތީ ގޮތުން ކުދިން ފޮސްޓަރކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މުޖުތަމައުއަށާއި ދައުލަތުގެ މުއައްސަސާތަކަށް މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދެވިފައިވާއިރު، މިގޮތުން، ދައުލަތުގެ މުއައްސަސާތަކަށް ހިންގުނު 8 މައުލޫމާތު ސެޝަންގައި 260 ބައިވެރިން ބައިވެރިވެފައިވެއެވެ.
އެއާއެކު އާންމު ތިން ފަރާތަކުން ވަގުތީ ފޯސްޓަރިން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އަދި ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުދިންގެ ތެރެއިން 17 ނޮވެމްބަރު 2023 އިން ފެށިގެން މިދިޔަ އެއް އަހަރުގައި ވަނީ 50 އަށްވުރެ ގިނަ ކުދިންނަށް އާއިލީ ވެށްޓަކަށް ރުޖޫއަވެ، ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އަދި އިތުރު 25 ކުއްޖަކަށް މި ފުރުސަތު ގާއިމުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

