ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޕައްޓި ވިތަނަލަގެ ވިމޯޝާ ވިނަތަގެ (27އ) އަދި ނުރުކުޝަން ކަވިންދަ ސިންގަޕުރަގެ (21އ) އެވެ. މި ދެ މީހުންނަކީ ވެސް ސްރީލަންކާ މީހުންނެވެ.
މި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރުގެ ދަށުން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި، 500އެމްއެލްގެ 116 ފުޅިއާއި 5ލީޓަރުގެ ހަ ފުޅި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

