އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ދެ މެންބަރުން އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ ދެ މަގާމަށް މެންބަރުން އައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު 16 ޑިސެންބަރު ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވައިލާ ކަމަށެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އޭސީސީގެ ނައިބު ރައީސް ކަމުގައި ހުންނެވި ޢަބްދުއްސަލާމާއި، އެ ކޮމިޝަނުގެ މެންބަރު ޠާހާ މުޙައްމަދު އިސްތިއުފާދެއްވީ ނޮވެންބަރު 25 ގައެވެ.
އެ ދެ ބޭފުޅުން އިސްތިއުފާދެއްވީ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުންދަނިކޮށެވެ.

