ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުގެ ނަމުގައި ވޭޕް ބޭނުންކުރަން ފެށުމުން އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ. މި ވާހަކަ ޑރ މުހައްމަދު އަލީ ވިދާޅުވީ ރޭ ޓީވީމޯލްޑިވްސްއިން ކުރިއަށްގެންދިޔަ "ދަފަރާ" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.
ދައުލަތުގެ މީޑިއާގައި ދުންފަތުގެ އެކި ބާވަތްތަކުން ކުރާ ގެއްލުމުގެ އަސަރު ކުޑަކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުން ޑރ މުހައްމަދު އަލީ ވިދާޅުވީ ވަރަށް ގިނަ ޕޭޝަންޓުންވެސް ގަބޫލު ކުރާ ގޮތުގައި ގެއްލުން ކުޑަ ބާވަތްތައް ހުރެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ގިނަ ޕޭޝެންޓުން ހުއްޓާލާން ބޭނުންވެގެން، އެއްމަސްފަހުން އައިސް އެބަބުނޭ ހުއްޓާލައިފިމޭ. އެކަމަކު މިހާރު ދުފަނީ އޭ، ދުންފަތްކޮޅެކޭ ލަނީ،" ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ.
ޑރ މުހައްމަދު އަލީ ވިދާޅުވީ ބައެއް މީހުން ހީކުރާގޮތުގައި ހަމައެކަނި ދުންފަތުގެ ގެއްލުން ލިބެނީ ދުންއަރާފަދަ ތަކެތި ބޭނުންކޮށްގެން ކަމަށާއި، އެހެން ނަމަވެސް ދުންފަތުން އަރާދުމުގެ އިތުރުން ދުންފަތް ކެއުމުންވެސް ގެއްލުންލިބޭކަމަށެވެ. ދުންފަތުން އެކި ގުނަވަންތަކަށް ކުރާ އަސަރު ކުޑަނަމަވެސް ދުންފަތުން ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް އޭގެ ގެއްލުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ވޭޕް ނުވަތަ އީ-ސިގިރޭޓުގައި ނިކޮޓިން ނުހުންނަ ކަމަށް ބުނެ ދައްކަމުންދާ ވާހަކައާއި ހަވާލާދީ ޑޮކްޓަރ މުޙައްމަދު އަލީ ވިދާޅުވީ، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ނިކޮޓިން ނެތްކަމަށްބުނާ ވޭޕްގައި ހުންނަ ތަފާތު ވަހާއި ރަހައިން އަރާ ދުން ބޭނުންކޮށްފިނަމަ ލޭނަރުތަކުގައި ހުންނަ އޮކްސިޖަން ދަށްވާކަމަށެވެ.
"ނިކޮޓިން ނެތްކަމަށްބުނާ ވޭޕްގައި ހުންނަ ތަފާތު ވަހާ ރަހައިން އަރާ ދުން، އޭގެ އެންމެ ޕަފް އެއް ދަމާލިޔަސް ލޭނާރުތަކުގައި ހުންނަ އޮކްސިޖަން އެބަދަށްވޭ. ނިކޮޓިން ނެތްކަމަށް އިޝްތިހާރު ކުރިޔަސް އޭގެ ސަބަބުން ނޭވާލާހޮޅީގެ ވައި ދައުރުކުރާ ފަށަލައަށް ގެއްލުން އެބަވޭ،" މިދިޔަ މަހު ހަދާފައިވާ ދިރާސާއާ ހަވާލާދީ ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
ޑރ މުހައްމަދު އަލީ ތަކުރާރުކޮށް ވިދާޅުވީ ސިނގިރޭޓް ބުއިން ހުއްޓާލުމުގެ ނަމުގައި ވޭޕް ނުވަތަ އީ-ސިނގިރޭޓް ބޭނުން ކުރުމަކުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ.
ޑރ. މުހައްމަދު އަލީ އިތުރަށް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އުމުރު ކުރުވެ، ސިއްހަތަށް ގިނަގުނަ ގެއްލުންތަކެއް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަމިއްލަ ނަފްސަށް ކުރާ އަނިޔާއެއް. އަދި އެހެން މީހުންނަށްވެސް ގެއްލުން ދޭ ކަމެއް. އެހެންކަމުން ދުންފަތުގެ އިސްތިޢުމާލު ކުރުން މުޅިން ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތް،" ޑރ. މުޙައްމަދު އަލީ ވިދާޅުވިއެވެ.

