މިދިޔަ ސަރުކާރުން އެކިއެކި އިންތިހާބުތަކާ ދިމާކޮށް 1،905 ކުށްވެރިން މިނިވަން ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މި ވާހަކަ ރައީސް ޑރ މުއިއްޒު ދެއްކެވީ އިއްޔެ ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި ކޮންމެ އިންތިހާބަކާ ދިމާކޮށް އެތައް ސަތޭކަ ކުށްވެރިންނެއް ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން،
- 2019 ވަނަ އަހަރު 762 ކުށްވެރިން،
- 2021 ވަނަ އަހަރު 458 ކުށްވެރިން،
- 2022 ވަނަ އަހަރު 256 ކުށްވެރިން
- 2023 ވަނަ އަހަރު 429 ކުށްވެރިން ދޫކޮށްލާފައިވާ ކަމަށް ރައީސް ޑރ މުއިއްޒު ހާމަކުރެއްވިއެވެ.
“އެކި އިންތިޚާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން އެއްވެސް ވަރެއްގެ ރިހެބްލިޓޭޝަނެއްގެ ތެރެއަށް ނުގޮސް މަގުމައްޗަށް ދޫކޮށްލާތަން ފެނުނު. އޭގެ ސަބަބުން ވަރަށް ގިނަ އެކި ކަހަލަ ނުރައްކާތެރި ކަންތައް އަނިޔާވެރި ކަންކަން މަގުމަތީ ހިނގާ. ހަމަނުޖެހުން އުފެދިފައިވޭ.” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
އެހެންނަމަވެސް، މިހާރުގެ ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި އެއްވެސް ބަޔަކު ޖަލުން ދޫކޮށްލާފައިނުވާނެ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގައި ކްލެމެންސީއާއި އަދި ރައީސަށް ލިބިދީފައިވާ ބާރުގެ ތެރެއިން އަދަބު ލުއިކޮށްދީގެން މާފުދީ މިނިވަންކޮށްފައިވަނީ 86 ކުށްވެރިން ކަމަށް ހާމަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޖަލުގައި ތިބޭ މީހުންނަށް ރިހެބްލިޓޭޝަނާއި ސަރުކާރުގެ މަޝްރޫއުތަކުގައި ބައިވެރިވެވޭ ގޮތަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. މީގެ ސަބަބުން ގައިދީން ޖަލުން ނުކުންނައިރު ތިބޭނީ ކަންތައްތަކެއް ދަސްވެފައި ކަމަށް ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ބޭނުންވަނީ މުޖުތަމައަށް ހަމަޖެހުން ގެންނަން ކަމަށާއި، ސިޔާސީ ވިސްނުމެއްގައި ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

