މަސްވެރިކަމުގައި ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް ގެންގުޅެން ބޭނުންނުވާކަމަށާއި، ބޭނުންފުޅުވަނީ އެހުރިހާ ކޮންޓްރޯލެއް މަސްވެރިންނަށް ދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ އއ. ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ އެރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ ކަންކަން އެބަހުރިކަމަށެވެ. އަދި ރަސްދޫއަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
“އަންނަ އަހަރުގެ ބަޖެޓަކީ ރަސްދުއާއި މުޅި ރާއްޖޭގައި މަޝްރޫއުތައް ހިންގޭނެ ބަޖެޓެއް. މިއަހަރުގެ ބަޖެޓުން ކަންކަން ކުރުމަށް ހުރި ދަތިތައް ހުރި. ތަޅެއް އަޅުވާފަ އޮތް ބަޖެޓެއް ވީމަ ތަރައްގީގެ މަޝްރޫއުތަކަށް އެހާ އިސްކަން ނުދެވޭނެގޮތަށް އޮތީ. އެހެންނަމަވެސް އަންނަ އަހަރު ވަރަށް ގިނަ ކަންކަން ކުރެވޭނެ. ވައުދުވެފައިވާ ކަންކަމަށް އިސްކަން ދޭނަން،” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ ރަސްދޫއާއި އެނޫންވެސް ރަށްރަށަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ އެންމެ މަޝްރޫއެއްވެސް ދޫކޮށް ނުލައްވާނެކަމަށެވެ. މީގެ ތެރޭގައި ރަސްދޫގެ ބަނދަރު ތަރައްގީ ކުރުމާއި، އައިސްޕްލާންޓް ގާއިމު ކުރުން ހިމެނެއެވެ.
މަސްވެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަސްދޫއަކީ މަސްވެރިކަމުގައި ކުރިއަށްދާ ރަށެއް ކަމަށާއި، ކަންނެލި މަސްވެރިކަންކުރާ 12 އުޅަނދު އެރަށުގައި އެބަ އޮތް ކަމަށެވެ. އަދި ސައުދީ ފަންޑުގެ އެހީގައި ރަސްދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ.
“ގަސްދު ކުރަނީ ކައުންސިލްތައް ބޭނުންވާނަމަ ކައުންސިލްތަކުން އައިސްޕްލާންޓުތައް ހިންގަން. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް އެކަންކަން ނިމިގެން ދިއުމަށް،” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޑރ މުއިއްޒު ވަނީ، ޓޫރިޒަމް ހިންގާ ފަރާތްތަކާއި މަސްވެރިންގެވެސް ހުރި ކަންބޮޑުވުން އެމަނިކުފާނާ ހަމައަށް ގެނެސްދިނުމަށް އެދިވަޑައިގެންފައެވެ. އަދި އަންނަ އަހަރަކީ ލޯކަލް ޓޫރިޒަމް ދާއިރާއާއި އަދި އެނޫން ވެސް ކަންކަން ފަހިވާނެ އަހަރެއް ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މަސްވެރިންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ދޯނިފަހަރުގައި އާރުއެސްޑަބްލިއު ހަރު ކުރެވޭނެ މާލީ އެހީ ދިނުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ.
“މަސްވެރިކަމުގައި ސަރުކާރުގެ ކޮންޓްރޯލް ނުގެންގުޅޭނެ. ހުރިހާ ބާރެއް ދޫކޮށްލާނީ މަސްވެރިންނަށް. އަޅުގަނޑުމެން ބޭނުން ވަނީ މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މިކަން ކުރިއަށް ގެންދިއުމަށް،” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު އިތުރަށް ވިދާޅުވީ، އުމްރާނީ، އިޖުތިމާއީ އަދި އިގުތިސާދީ މަޝްރޫއުތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ހިނގަން ފަށާތަން ފެންނާނެ ކަމަށެވެ. އަދި މި މަޝްރޫއުތަކުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އއ. އަތޮޅުގެ އެހެން ރަށްރަށަށްވެސް ޒިޔާރަތްކުރައްވާ، އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، އެރަށްރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ. މި ދަތުރުފުޅުގައި ރައީސްއާއެކު ސަރުކާރުގެ އިސް ވަޒީރުންނާއި އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.

