ކީރިތި ޤުރުއާން ލިއުމާއި އިސްލާމިކް ކެލިގްރަފީގެ ފަންނުވެރިކަން ދައްކާލި ދަރިވަރު ނާއިޝްގެ ކެލިގްރަފީ ތައް ރާއްޖޭގެ ތިން ސަރަހައްދެގައި ބަހައްޓަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ކީރިތި ޤުރުއާން ލިއުމާއި އިސްލާމިކް ކެލިގްރަފީ ދާއިރާއިން އާދަޔާޚިލާފު ފަންނުވެރިކަން ދައްކާލި، ދަރިވަރު ހުސައިން ނާއިޝްއާއި އޭނާގެ ބެލެނިވެރިންނާ ވެސް މިއަދު މިނިސްޓަރު ޑރ. ޝަހީމް އަލީ ސައިދު ވަނީ ބައްދަލުކުރައްވާފައެވެ.

އިސްލާމިކް ކެލިގްރަފީ ގެ ދާއިރާއިން ހުނަރ ދައްކާލި ދަރިވަރު ހުސެއިން ނާއިޝް ގެ އާއިލާ އާއި އިސްލާމިކް މިނިސްޓަރު ބައްދަލުކުރެއްވުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވީ ނާއިޝް އެދުނު ގޮތަށް، އެ ދާއިރާއިން އޭނާއަށް ބޭނުންވާ އިތުރު ހުނަރު ދަސްކޮށް ދިނުމަށް މިނިސްޓްރީ އިން އެހިވާން ނިންމާފައި ކަމަށެވެ. އަދި ނާއިޝް ސްކޫލް ނިމުމުން، ޤުރުއާން މަރުކަޒު ތެރޭގައި އެ ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް އޭނާއާ މަސައްކަތްތަކެއް ޙަވާލު ކުރާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި މި އަންނަ އަހަރު ހުޅުވާ އައްޑޫ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ފަންނުވެރި ލިޔުންތައް ބެހެއްޓޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހައި ޒަމާނީ ވަސީލަތްތައް އެ ދަރިވަރަށް ހޯދައިދެވޭނެ." މިނިސްޓަރު
މިިނިސްޓަރު ވިދާޅުވީ އަދި އެ ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސާނެ ކަމަށާއި އިސްލާމީ ދާއިރާތަކުން ކުރިއަށް ދާން ޝައުޤު ހުރި އެފަދަ ހުރިހައި ކުދިންނަށް އެ ފުރުޞަތު އޮންނާނެ ކަމަށެވެ.

