ކޮވިޑަށް ގެމަނަފުށީގެ ގިނަ ޢަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން ދެވަނަ ފަހަރަށް އެ ރަށް ވަނީ މޮނިޓަރިންނަށް ލެވިފައެވެ.
މިފަހަރު 70 އަށް ވުރެ ގިނަ މީހުން ގެމަނަފުށިން ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ގިނައީ މަސްވެރިންނެވެ. މީނާ 4 ދޯނީގެ ކެޔޮޅު ފިޔާޒު ހަސަން ބުނީ، އެ ދޯނިން 11 މީހުން ކޮވިޑަށް ޕޮޒިޓްވެފައިވާ ކަމަށާއި، އެހެންވުމުން މަހަށް ނުދެވި އަދި އަނބިދަރިންގެ ގާތަށް ވެސް ނުދެވި ފަޅުގައި ކަރަންޓީނުވެފައިކަމަށެވެ.
” މިދޯނިން 18 މީހުން މަހަށްދޭ. އޭގެތެރެއިން 11 މީހުނަށް މިވަނީ ކޮވިޑް ޖެހިފައި. އަނބިދަރިން ގާތަށް ނުދެވި މިތިބީ ފަޅުގައި ކަރަންޓީނުވެފައި” ފިޔާޒު ބުންޏެވެ.
މީނާ 4ގެ އިތުރުން ކަނޑުރޯޅިއާއި، “އުފާ” ދޯންޏާއި، “މަރުހަބާ” ދޯންޏާއި، އޯކިޑް 707 އިން ވެސް ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާކަމަށް ފިޔާޒު ބުންޏެވެ.
“މިރަށުގެ އެހެން ދޯނިފަހަރެކޭ އެއްގޮތަށް އަޅުގަނޑުމެން ދޯނީގެ ވެސް ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ މިވަނީ، ރަށުގެ ބަނދަރުގައި ފަޅުގައި، ބަންދުވެފައި ” އެ ދޯނީގެ އިސް ފަރާތެއްކަމަށްވާ އަޙްމަދު ޝަމްރީޒް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދޯނީގައި ތިބި މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް މަހަށް ދިޔުމުގެ ހުރަހެއް ނެތްކަމަށާއި، އެކަމަކު މަސް ނުކުރޭތީ މަހަށް ދިޔުމުގެ ބޭނުން ނެތި ރަށު ފަޅުގައި، ގިނަ މަސްދޯނި ބަންދުވެފައިވާކަމަށެވެ. އަދި ކޮވިޑާއެކު އުޅެން އެބަ ޖެހޭ ކަމަށާއި އަބަދު ތާށިވެފައި މިހެން ތިބުމުން ވަރަށް ގެއްލުންވާކަމާށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސްކިރޭނެ އިންތިޒާމެއް މިފްކޯއިން ޤާއިމްކުރައްވަންޖެހޭ ކަމަށާއި، އެ ކަމަށް އެޗްޕީއޭ އިން ވެސް ވިސްނަވަން ޖެހޭކަމަށެވެ.
ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވީ ކޮވިޑް19ގެ ބަލި މަޑުކަމުން އަރައިގަނެވޭތޯ ގެމަނަފުށީގެ ހުރިހައި ރައްޔިތުން ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ގެމަނަފުށީ ފުރަތަމަ މޮނިޓަރިންނަށް ލެވުނު ފަހަރު ވެސް ގެމަނަފުށީ ރައްޔިތުން ނަމޫނާ ދައްކާފައިވާކަމަށެވެ.
“ގެމަނަފުށީގެ ބައެއް ދޯނި ފަހަރު ވަނީ ބަނދަރުގައި ކަރަންޓީނު ކުރެވިފަ. އުންމީދަކީ، ވީހާވެސް އަވަހަކަށް އެމީހުންނަށް މަހަށްދެވޭނެގޮތްވުން” ރައީސް ނާޝިދު ވިދާޅުވިއެވެ.

