ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ސިއްޙީ އޮފިޝަލުން ބުނެފައިވާ ގޮތުގައި އޮކްޓޯބަރު މަހުގެ ފަހުކޮޅުން ފެށިގެން "ޑިޒީޒް އެކްސް" ގެ ނަމުގައި އެ ގައުމުގައި ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބު ދުވަސްކޮޅެއްގެ ތެރޭގައި އެނގިގެންދާނެއެވެ. މި ބަލިމަޑުކަމުގެ ސަބަބުން މިހާތަނަށް 376 މީހުންނަށް ބަލި ޖެހި، ގާތްގަނޑަކަށް 79 މީހުން މަރުވެފައިވެއެވެ.
އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރު ޖީން ކަސެޔާ ބުނި ގޮތުގައި ބަލި ޖެހުނު 376 މީހުންގެ ތެރެއިން ގާތްގަނޑަކަށް 200 މީހުންނަކީ 5 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އަދި މަރުވެފައިވާ މީހުންގެ ތެރެއިން ގިނައީ 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނެވެ. އެކްސްގައި މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބައްޔަކީ އަދިވެސް އޭގެ ސަބަބު ނޭނގޭ ބައްޔެއް ކަމަށާއި، ކޮންގޯގެ ދެކުނު ހުޅަނގު ސަރަޙައްދުގައިވާ ކްވަންގޯ ޕްރޮވިންސްގައި މި ބަލި ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ބަލި އާންމުކޮށް ޖެހެނީ 5 އަހަރުން ދަށުގެ ކުޑަކުދިންނަށް.
ހުންއައުމާއި، ބޮލުގައި ރިއްސުމާއި، ކެއްސުމާއި، ނޭވާލަން އުނދަގޫވުމާއި، ލޭ މަދުވުން ފަދަ އަލާމާތްތައް ފުރަތަމަ ރިޕޯޓުކުރެވުނީ އޮކްޓޯބަރު 24 ވަނަ ދުވަހު ދެކުނު ހުޅަނގު ސަރަޙައްދުގެ ކްވަންގޯ ޕްރޮވިންސްގެ ޕަންޒީ ހެލްތު ޒޯނުގައެވެ. އަދި ޑިސެމްބަރު 1 ވަނަ ދުވަހު ޤައުމީ އިދާރާތަކަށް މިކަން އަންގާފައިވެއެވެ.
ކޮންގޯގެ ސަރުކާރުން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށާއި، ގިނަ މީހުން އެއްވާ ތަންތަނަށް ގޮސް ނުއުޅުމަށާއި، ޞިއްޙީ ތަމްރީނު ލިބިފައިވާ މުވައްޒަފުން ނެތި މަރުވެފައިވާ މީހުންގެ ހަށިތަކުގައި އަތް ނުލުމަށެވެ.
ނޭޝަނަލް ޕަބްލިކް ހެލްތު އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޑިއުޑޮނޭ މްވަމްބާ ބުނި ގޮތުގައި މި ބަލި ފެތުރެނީ ވައިގެ ޒަރީއާއިން ކަމަށް ބެލެވެއެވެ. ބަލި ޖެހިފައިވާ މީހުންގެ ސާމްޕަލްތައް ދަނީ ބަލިމަޑުކަން ފެތުރޭ ސަރަޙައްދުން ގާތްގަނޑަކަށް 500 ކިލޯމީޓަރު (311 މޭލު) ދުރުގައިވާ ކިންޝާސާގެ ޤައުމީ ލެބޯޓަރީއެއްގައި ދިރާސާކުރަމުންނެވެ. ޞިއްޙީ އޮފިޝަލުން މަޢުލޫމާތު ދިން ގޮތުގައި 48 ގަޑިއިރުގެ ތެރޭގައި ޓެސްޓުތަކުގެ ނަތީޖާތައް އިޢުލާނުކުރެވިގެން ދާނެކަމަށެވެ.
މި ބަލިމަޑުކަމުގެ ސަބަބުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ހަރަކާތްތައް ހުއްޓުވާލަން ޖެހުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އަލުން އާ ބައްޔެއް ދުނިޔެއަށް ފެތުރުމުގެ ބިރުވެރިކަން އާވެގެން ގޮސްފައިވެއެވެ.
މިއަހަރުގެ ކުރީކޮޅު، އެމްޕޮކްސްގެ އައު ވައިރަސް ސްޓްރެއިނެއް ފެތުރެން ފެށުމާ ގުޅިގެން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މި ބަލި ބައިނަލްއަޤްވާމީ ކަންބޮޑުވުމެއްގެ ގޮތުގައި އިޢުލާނުކުރި ނަމަވެސް، އެފްރިކާއިން ބޭރަށް މި ވައިރަސް ފެތުރިފައިވަނީ މަދުންނެވެ.
ޑަބްލިއުއެޗްއޯގެ އެފްރިކާ ސަރަޙައްދުގެ އޮފިޝަލެއް މައުލޫމާތު ދީފައި ގޮތުގައި އެ ޖަމްޢިއްޔާއިން ވަނީ ސާމްޕަލް ނަގައި ލެބޯޓަރީގައި ތަޙުލީލުކުރުމަށްޓަކައި އެ ސަރަޙައްދަށް ޓީމެއް ފޮނުވާފައެވެ.
ކަސެޔާ މަޢުލޫމާތު ދިން ގޮތުގައި އެފްރިކާ ސީޑީސީއިން ކޮންގޯގެ އޮފިޝަލުންނަށް އެޕިޑެމިއޮލޮޖިސްޓުންނާއި، ލެބޯޓަރީ ސައިންޓިސްޓުންނާއި، އިންފެކްޝަން ހުއްޓުވުމާއި ކޮންޓްރޯލްކުރުމުގެ މާހިރުންގެ އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. އޭނާ އިތުރަށް ބުނީ މި ބަލިމަޑުކަމުގެ ސަބަބުން، ގިނަ ނުރައްކާތެރި ބަލިތަކެއް އެއްފަހަރާ ފެތުރެމުންދާ ކޮންގޯގައި ބަލިތައް ދެނެގަތުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރެވިގެން ދިޔަ ކަމަށެވެ.

މި ބަލި ފެތުރެނީ ވައިގެ ޒަރީއާއިން ކަމަށް ލަފާކުރެވޭ.
ޕަންޒީގެ ރަށްވެއްސެއް ކަމަށްވާ ކްލޯޑް ނިއޮންގޯ ބުނި ގޮތުގައި އޭނާގެ އަނބިމީހާއާއި 7 އަހަރުގެ ދަރިފުޅު މި ބަލީގެ ސަބަބުން މަރުވެފައިވެއެވެ.
ކްވަންގޯ ޕްރޮވިންސްގެ ރައީސް ލޫސިއެން ލުފުޓު، ޕަންޒީގައި ހުރެ މައުލޫމާތުދީފައިވާ ގޮތުގައި ބަލި މީހުން ފަރުވާ ދެމުންދާ ރަށުގެ ހޮސްޕިޓަލުގައި އާލާތްތައް މަދުކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ބޭހާއި މެޑިކަލް ސަޕްލައިތައް މަދުވެފައި، ބައްޔަކީ ކޮބައިކަން އަދި ނޭނގޭތީ، ގިނަ ރައްޔިތުންނަށް ދެނީ އާދައިގެ ހުމާއި ރޯގާއަށް ދޭ ފަރުވާ ކަމަށެވެ. އަދި އޭނާ ބުނި ގޮތުގައި މި ބަލި ކައިރީގައިވާ އެހެން ސަރަޙައްދެއް ކަމަށްވާ ކަޓެންޑާއަށްވެސް ފެތުރިފައިވެއެވެ.

