އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އަންހެނުންގެ ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން ދިޔަ މުހައްމަދު ނަބީލު (ޔާޔާ) އަށް ދައުވާކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމާ ނަބީލަށް ދައުވާކޮށްޗދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. އޭގެ އަށް ދުވަސް ފަހުން، އެ މަހުގެ 25 ވަނަ ދުވަހު، ނަބީލަށް ކޮށްފައިވާ ދައުވާއަކީ ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިއު ކުރުމުގެ ދައުވާ އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، މިދިޔަ މެއި މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 5:28 ގައި ކޯޓު އަމުރެއްގެ ދަށުން ގ. ޖަމަރާގޭގައި ނަބީލް ދިރިއުޅެމުންދާ ކޮޓަރި ބަލައި ފާސްކުރިއިރު، އެ ކޮޓަރި ތެރެއިން އޭނާ ބޭނުންކުރާ އަންހެނުންގެ ހެދުންތައް ފުލުހުންނަށް ފެނިފައިވާތީ އެއީ ދައުވާކުރި އެއް ސަބަބެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގައި ނަބީލް އާންމުކޮށްފައިވާ ވީޑިއޯތައް ފުލުހުން ދިރާސާކުރިއިރު، އެ ވީޑިއޯތަކުގައި ނަބީލު ހަޑިހުތުރުކޮށް ނިވާކަންކުޑަ އަންހެނުންގެ ހެދުންލައިގެން ނަށާފައިވުމަކީ ވެސް ދައުވާކުރި އަނެއް ސަބަބެވެ.
މި މައްސަލައިގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. މިފަދަ މައްސަލަތަކުގައި މީގެކުރިން ތަކުރާރުކޮށް ނަބީލް ހައްޔަރުކޮށްފައިވާއިރު، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާގެ ދަށުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެއް އަހަރާއި އެއް މަހާއި ހަ ދުވަހުގެ ހުކުމެއް އޭނާއަށް ކޮށްފައިވެ އެވެ.

