އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލައްވާނެ ކަމަށާއި އެ ކޮމިޓީތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އ.ތ.މ ކޮމިޓީ ގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އާ ބައްދަލުކުރައްވައި އެރަށު ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ފާހަގަ ކުރެއްވިއެވެ. އަދި ކައުންސިލް އިދާރާ އާއި ސުކޫލުގެ ޖާގައިގެ ދަތިކަން ވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމުގައި މަގުފަހިކޮށްދެއްވުމަށް ސަރުކާރުން ކަމާގުޅޭ މުވައްސަސާތަކާއެކު ކުރައްވާ މަސައްކަތްތައް ކައުންސިލާ ހިއްސާ ކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އުކުޅަހުގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

