ދިވެހި ބަހުގެ އެކަޑެމީގެ ހިންގުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ވަހީދު (އޮގަރު ވަހީދު)އާ ހަވާލުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ދިވެހި ބަހުގެ އެކަޑެމީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައެވެ.
މިނިސްޓްރީގެ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯއެއްގައި ބަޔާން ކޮށްފައިވާ ގޮތުގައި، މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން އެކަޑެމީގެ މަސައްކަތްތައް ހިންގާ ބަލަހައްޓާނީ އޮގަރު ވަހީދެވެ. މި ބަދަލާ ގުޅިގެން، އެކަޑެމީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އޮގަރު ވަހީދުގެ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ.
“ދިވެހި ބަހުގެ އެކަޑަމީގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން 26 ނޮވެމްބަރުން ފެށިގެން ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްތައް ހިންގާ ބަލަހައްޓަވަނީ މި ވުޒާރާގެ މިނިސްޓަރ އޮފް ދިވެހި ލޭންގުއެޖް، ކަލްޗާ އެންޑް ހެރިޓޭޖުގެ ނައިބު އިބްރާހިމް ވަހީދުގެ ލަފާގެ ދަށުން ކަމުގައި ހުރިހާ މުވައްޒަފުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،” މެމޯގައި ވެއެވެ.
މި ވަގުތު ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަޤާމުގައި ހުންނެވީ ޑރ. އަޝްރަފު އަބްދުއްރަހީމްއެވެ. ނަމަވެސް، އެކަޑެމީގެ ހިންގުން އޮގަރު ވަހީދާ ހަވާލު ކުރި ސަބަބު އަދި ސާފުކޮށް އެނގެން ނެތެވެ.

