ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އއ.ރަސްދޫގެ ގެސްޓް ހައުސް ހިންގާ ފަރާތްތަކާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރަސްދޫ އަތޮޅު ގޭގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރަސްދޫގެ ގެސްޓް ހައުސް ހިންގާ ފަރާތްތައް ވަނީ ރަސްދޫއާ ކައިރީގައި އޮތް ފިނޮޅު ގިރަމުންދާތީ، އީއައިއޭ ހައްދަވައިގެން ތިމާވެށްޓަށް ގެއްލުން ނުވާނެ ގޮތަށް މި ސަރަހައްދު ނެތިދިއުމުން ހިމާޔަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާކަންކަން ފާހަގަކުރައްވައި މި ރަށުގެ އިގުތިސާދު ސަލާމަތްކުރުމަށްޓަކައި ބޭނުންވާ ކަންކަން އެ ބޭފުޅުން ވަނީ ރައީސާ ހިއްސާކުރައްވައިފައެވެ.
ހަމައެއާއެކު އެބޭފުޅުންވަނީ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަންވެސް ފާހަގަކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތައް ފާހަގަކުރެއްވި ކަންކަން ކަމާގުޅުން ހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންކަން ބައްލަވާނެ ކަމަށެވެ. އަދި ފިނޮޅު ނެތިދިއުމުގެ މައްސަލައަށް ހައްލު ހޯދުމުގައި ތިމާވެށްޓަށް ގެއްލުން ނުވާނެ ގޮތަށް އެކަން ކުރެވޭނެ ގޮތް ބައްލަވާނެ ކަމަށެވެ.

