އަރިއަތޮޅު އުތުރުބުރީ މަތިވެރީގައި އެއަރޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ހާމަ ކުރެއްވީ އިއްޔެ އއ. މަތިވެރީ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތައް ތާވަލު ކުރެވިގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ. މިގޮތުން، މިއަހަރުގެ ބަޖެޓުގައި ދަތިތަކެއް ހުރި ނަމަވެސް، އަންނަ އަހަރުން ފެށިގެން ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އއ. އަތޮޅަކީ މިހާތަނަށް އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅަށްވާއިރު، މަތިވެރީގައި އެއަރޕޯޓެއް ތަރައްގީ ކުރުމަށް ނިންމެވީ، އއ. އަތޮޅަކީ ގިނަ ރިސޯޓުތަކެއް ހިންގާ އަދި ފަތުރުވެރިކަންވެސް ފުޅާވެފައިވާ ސަރަހައްދެއްކަމުގައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު މަތިވެރީގައި 18 ގެސްޓްހައުސް ހިންގަމުންދާއިރު، އެއަރޕޯޓާއެކު މުޅި ސަރަހައްދަށް އިގުތިސާދީގޮތުން ކުރިއެރުން އަންނާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މަތިވެރީގެ ތަރައްގީގެ އެހެނިހެން މަޝްރޫއުތަކުގެ ތެރޭގައި ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ސިއްހީ މަރުކަޒަށް ޖާގަ އިތުރުކޮށް ހިދުމަތްތައް ފުޅާކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރު ބޯހިޔާވަހިކަމަށްވެސް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވާނެކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

