ރައްޔިތުންގެ ހައްގުގައި ގާނޫނުއަސާސީއަށް ސަރުކާރުން ގެންނެވި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަފްސީލު ކޮށްދެއްވައިފިއެވެ. އއ. މަތިވެރީ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގާނޫނުއަސާސީއަށް އެންމެފަހުން ގެންނެވި އިސްލާހުތަކުގެ ބޭނުމާއި، އެކަންކަމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތައް ތަފުސީލީ ގޮތެއްގައި ބަޔާންކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނެވީ މައިގަނޑު 5 އިސްލާހެއްކަމަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަހައްދާއި، ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުތައް މިލްކޮށްދިނުމާއި އަސްކަރީ ބޭނުމަށް ދިނުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތުތަކާއި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ގުޅޭ އިސްލާހުތައް ހިމެނެއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި 5 އިސްލާހަކީވެސް ރައްޔިތުންގެ އަތަށް ބާރުތައް ލިބޭގޮތަށް ގެނެސްފައިވާ އިސްލާހުތަކެއްކަމަށެވެ. އެގޮތުން، މިހާރު ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކާއި ރައްޔިތުންގެ މަޖިލީހުގެ 4 ބައިކުޅަ 3 ބައިގެ އަގުލަބިއްޔަތުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ނިންމަވާލައްވަމުން ވިދާޅުވީ މި އިސްލާހުތަކަކީ ގައުމަށް ހަމަޖެހުމާއި ތަރައްގީ ގެނެސް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި ގެންނެވި އިސްލާހުތަކެއްކަމަށެވެ.

