ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެއްވެސް ރައްޔިތަކަށް ލިބެމުންދާ ސަބްސިޑީއާއި އާސަންދަ ކަނޑާނުލާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ. ކ. އަތޮޅާއި އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މި ވާހަކަފުޅު ދެއްކެވީ އއ. މަތިވެރީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކަމަށެވެ. ނަމަވެސް އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީއާއި އާސަންދަ އަދި ރިޓަޔަރމަންޓް ޕެންޝަންވެސް ނުކަނޑާނެ ކަމަށާއި، އޭގެ ބަދަލުގައި އެކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ކުރިން އިޢުލާންކުރިގޮތަށް އަންނަ އަހަރު މިހާތަނަށް ޕޭހާމަނައިޒޭޝަންގެ ދަށުން މުސާރަ ބޮޑުނުވާ ހުރިހާ ސިވިލްސަރވަންޓުންނަށް 2025 ވަނަ އަހަރު މުސާރަ ބޮޑުކުރަން މިއޮތީ ނިންމާފަ. އަދި ޖުޑީޝަރީގަ މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށްވެސް. ދެން 2026 އަކީ ދެން ހުރި ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ޕޭހާމަނައިޒްކުރެވި ބޮޑުވެގެންދާނެ އަހަރު. އެހެންވީމަ މިހާރު ލިބެމުންދާ އެއްވެސް އެއްޗެއް އުނިނުކޮށް އާމްދަނީ އިތުރުކޮށްދިނުން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަބްސިޑީއަށް ގެންނަވާ އިސްލާހީ ބަދަލުތަކުގެ ތެރެއިން ގެންނަވާ އެންމެ ބޮޑު ބަދަލަކީ ނާޖާއިޒްކޮށް މީގެކުރިން ކުރަމުންދިޔަ ޚަރަދުތައް ކުޑަކުރުން ކަމަށެވެ. މިގޮތުން ބޭހުގެ ވިޔަފާރީގައި އާސަންދައިގެ ތެރެއިން އެތައް ސަތޭކަ ޕަސެންޓެއްގެ ފައިދާ ނަގަމުންދާ ފަރާތްތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ބޮޑު ސަބްސިޑީއެއް ދެމުން އަންނަ އެއް ޤައުމު ކަމަށާއި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ސަބްސިޑީގެ ތެރެއިން ކުރާ ޚަރަދުތައް ކުޑަކުރުމަށް އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ރައްޔިތުންނަށް ލިބެމުންދާ އެއްވެސް މަންފާއެއް އުނިނުކޮށް، ޚަރަދުތައް ލުއިކޮށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

