ގައުމީ ހިދުމަތުގެ ބިލު އެކުލަވާލުމަށްޓަކައި ކަމާ ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާތައް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ވަނީ ފަށައިފިއެވެ. މި މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން މިއަދު މިނިސްޓްރީގައި ބޭއްވުނެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އަމާޒުކޮށްގެން މަޝްވަރާ ކުރެވުނެވެ.
މި މަޝްވަރާތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން، ތަޢުލީމީ ދާއިރާގައި ނުވަތަ ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިނުވާ ޒުވާނުންނަށް އަމާޒުކޮށްގެން ލާޒިމު ގާއުމީ ހިދުމަތެއް ތައާރަފުކުރުމުގެ މަސައްކަތުގެ ތެރެއިން ފެށިގެންދިޔަ މަޝްވަރާ ބައްދަލުވުންތަކެކެވެ.

ޒުވާނުން ގައުމީހިދުމަތަށް ނެރުމާބެހޭ ބިލު އެކުލަވާލުމުގެ މަޝްވަރާގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ވަނީ 4 ނޮވެންބަރު 2024 ގައި، 16 އަހަރުވެފައިވާ، ކިޔަވާ ނިމިގެން ނުވަތަ ގްރޭޑް 7 އާ ހަމައަށް ވިޔަސް ނިންމުމަށްފަހު ކިޔެވުމުގެ އިތުރު މަރުޙަލާއަކަށް ނުގޮސް، ކިޔެވުމުގެ އިތުރު ފުރުސަތެއް ނުލިބި އަދި ވަޒީފާއެއް އަދާނުކުރާ ކުދިން، ޤައުމީ ދިފާޢީ ބާރުގެ ރެކްރޫޓްމަންޓް ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރުވާގޮތަށް ޤާނޫނެއް އެކުލަވާލުމަށް އިރުޝާދު ދެއްވާފައެވެ. މި ޕްރޮގްރާމް 2025 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ޒުވާނުން ގައުމީހިދުމަތަށް ނެރުމާބެހޭ ބިލު އެކުލަވާލުމުގެ މަޝްވަރާގެ ތެރެއިން
މި މަޝްވަރާތަކުގެ މަޤްޞަދަކީ ޤައުމީ ޚިދުމަތުގެ ބިލު އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައި، އެންމެ އެކަށީގެންވާ ގޮތުގައި މި ޕްރޮގްރާމް ތަންފީޒުކުރުމަށް މަގުފަހިކުރުމެވެ. މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުވެ، ޤައުމީ ޚިދުމަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ބެލެވެއެވެ.

