އިސްލާމީ ކެލިގްރަފީ އިން ހުނަރުވެރިކަން ދައްކާލި ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ހުސެން ނާއިޝްއާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ ނާއިޝްގެ ހުނަރު އިތުރަށް ތަރައްގީކޮށް، އޭނާއަށް އެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން، ވަޒީރު ވަނީ އިސްލާމީ ކެލިގްރަފީގެ ދާއިރާއިން ބޭނުންވާ ހުނަރުތައް ތަރައްގީކޮށް ދަސްކުރުމަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން:
- – ދާއިރާއިން ބޭނުންވާ ހުނަރުތަރައްގީކޮށް ދަސްކުރުމަށް އެހީތެރިވުން
- – ގްރޭޑް 10ގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުގެ ސްކޫލު ނިމުމުން، ގުރުއާނާ ބެހޭ މަރުކަޒުގައި، މި ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް އޭނާއާ ހަވާލުކުރުން
- – އަންނަ އަހަރު ހުޅުވާ އައްޑޫގެ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލަކު ގުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ލިޔުންތައް ބެހެއްޓުން
- – އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދިނުން
- – މި ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖެއްސުން
އިއްޔެގެ އެ ބައްދަލުވުމުގައި ނާއިޝްއާއެކު އާއިލާގެ ފަރާތުންވެސް ވަނީ ބައިވެރިވިއެވެ..
ވާހަކަދެއްކުމާއި އިވުމުން މަހުރޫމުވެފައިވާ ދަރިވަރެއް ކަމުގައިވާ ނާއިޝްގެ ކުރެހުން ފުރަތަމަ އާއްމުކުރީ ޖަމާލުއްދީން ސްކޫލުންނެވެ. އެ ސްކޫލުގެ ފާރުގައި ޤުރުއާނުގެ އާޔަތްތައް ކެލިގްރާފް ކޮށްފައިވާ މަންޒަރު އެ ސްކޫލުން އާއްމު ކުރުމާއެކު ގިނަ ބަޔަކު ވަނީ އެ ދަރިވަރަށް ތައުރީފު ކޮށްފައެވެ.
މި ބައްދަލުވުމަކީ ނާއިޝްގެ ހުނަރުވެރިކަމަށް އިތުރު ހިތްވަރަކަށްވެ، މުސްތަގުބަލަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ބައްދަލުވުމެއް ކަމުގައި ވާނެ ކަމަށް އުއްމީދުކުރެވެއެވެ..

