މިފްކޯގެ ސީއީއޯ ކަމުގެ މަގާމަށް ޑރ. ވިޓާލީ ލުބިމޯވް ވަނީ އައްޔަން ކޮށްފިއެވެ.
އައު ސީއީއޯ މާދަމާ ހެނދުނު ރަސްމީ މަސައްކަތާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް މިފްކޯއިން ބުނެއެވެ.
ސަރުކާރުގެ މަސް ކުންފުންޏަށް ބޭރުގެ ސީއީއޯއެއް ހޯދަން ފުރަތަމަ އިއުލާންކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.
މަގާމަށް މީހަކު ހޮވާނީ ގާބިލްކަމާއި ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށް އޭރު މިފްކޯއިން ވަނީ ބުނެފައެވެ.
ޕީބީސީން ބުނީ ހަތަރު އަހަރަށް އައްޔަންކުރާ ސީއީއޯ އަށް މުސާރައިގެ ގޮތުގައި މަހަކު 12،000 ޑޮލަރު (185،040ރ.) އާއި 15،000 ޑޮލަރު (231،300ރ.) ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށެވެ.
މިދިޔަ ޖޫން މަހު ޕީސީބީން ކުރި އިއުލާނުގައި ބުނީ، މިފްކޯގެ ސީއީއޯގެ މަގާމަށް ހުޅުވާލައި މުއްދަތު ހަމަވި އިރު މަގާމުގެ ޝަރުތު ހަމަވާ ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާ ކަމަށެވެ. އެހެންވެ އެ އިއުލާން ވަނީ ބާތިލްކޮށްފަ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހުމަދު ސަމާހު ރަޝީދެވެ. އެނާ އެ މަގާމު މަގާމުން ވަކިކޮށް، ފަހުން ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައެެވެ.

