ދިވެހިރާއްޖޭން ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި މަގާމަށް ފުވާދު ތައުފީގު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވެވީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ. މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުން ވަނީ ފުވާދުގެ ނަން ފާސްކުރައްވާފައެވެ.
ފުވާދު ތައުފީގު އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރު، ކޮމިޝަންގެ މެންބަރެއްގެ ގޮތުގައެވެ. 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމު ފުރުއްވިއެވެ. އަދި ދެވަނަ ފަހަރަށް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2019ވަނަ އަހަރުއެވެ.
ފުވާދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައެވެ. މިހާރު އޭނާ ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އައްޔަންކުރެވިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތު ހަމަވުމުންނެވެ.
ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

