ބޯހިޔާވަހިކަމާއި، ސިއްހީ އަދި ތައުލީމީ ދާއިރާއިން ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިކަން އެމަނިކުފާނު ވިދާޅުވެފައި ވަނީ އ މާލެ އަތޮޅު ހުރާ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ތަރުތީބެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. މިގޮތުން އެންމެ އިސްކަން ދެއްވާފައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަމަށާއި، ދެން ސިއްހީ އަދި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް އިސްކަންދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"2025 ވަނަ އަހަރަކީ ޢުމްރާނީ ތަރައްގީ ބިނާކުރުމުގެ ޢަމަލީ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެށިގެން ކުރިއަށްދާނެ އަހަރެއް. އަޅުގަނޑު އެންމެ އިސްކަންދެނީ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށް،" ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ހުރާގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި އަންނަ އަހަރު އެރަށު ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އެޅުމާއި، ސިއްހީ މަރުކަޒުގައި ސްކޭންގެ ހިދުމަތް ފެށުން ހިމެނެއެވެ. އަދި ކުރީގެ ސަރުކާރުން ފަށައި ހުއްޓިފައިވާ ބަނދަރުގެ މަސައްކަތްވެސް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"2025 އަދި 2026 އަކީ އަޅުގަނޑު ވަޢުދުވެފައިވާ މަޝްރޫއުތައް ހިންގާނެ ދެ އަހަރު. އަންނަ އަހަރު އެންމެ ގިނަ މަޝްރޫއު ފެށޭނެ. އަނެއް އަހަރު އިތުރު މަޝްރޫއުތައް ފެށޭނެ،" ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަމާއި، ސިއްހީ އަދި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށްފަހު، ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށާއި، މަގުހެދުމާއި އިޖުތިމާއީ ދާއިރާގެ މަސައްކަތްތަކަށް އިސްކަން ދެއްވާނެ ކަމަށެވެ.

