މާދަމާއިން ފެށިގެން ރާއްޖޭގެ 4 ރަށަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި މަޢުލޫމާތު ރައީސް ހާމަކުރެއްވީ ކ. ގާފަރުގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، “ހިންމަފުށި، ކޫއްޑޫ، ފެލިވަރު، އައްޑޫ ސިޓީ ހުޅުމީދޫގެ އެފްއެސްއެމްގެ ސައިޓުތަކުން މާދަމާއިން ފެށިގެން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ” ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ކޫއްޑޫ އަދި ފެލިވަރުގައި ހުރި މިފްކޯގެ ވެސަލްތަކުންވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢަކީ ކޮންމެ އަތޮޅަކުން އަސާސީ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާއިމްކުރެވޭ “ފިއުލް ސްޓޯރޭޖްތައް” ގެ ބައެކެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ކުރިން ތާވަލުކޮށްފައިވަނީ އަންނަ އަހަރުތެރޭ ކޮންމެ މަހެއްގައިވެސް ކޮންމެވެސް އަތޮޅެއްގައި ފިއުލް ސްޓޯރޭޖްތައް ގާއިމްކޮށް އަސާސީ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށެވެ. ނަމަވެސް، އިތުރު މަސައްކަތްތަކެއް ކުރެވި، ތާވަލަށްވުރެ އަވަހަށް 4 ރަށަކުން މި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި މަޝްރޫޢަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްގެ ބައެކެވެ. އެއީ ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމެވެ.
މި މަޝްރޫޢުގެ ދަށުން 19 ރަށެއްގައި މި އިންތިޒާމުތައް ހަމަޖައްސައި 2026ގެ ފެބްރުއަރީގެ ކުރިން މަސައްކަތް ނިންމުމަށް އެސްޓީއޯއިން ވަނީ ނިންމަވާފައެވެ. މިއާއެކު، މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

