ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތީގެ އަގު ހިފަހައްޓުމަށް މަސައްކަތް ކުރަން ސަރުކާރުން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ 2025 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އަގު ހިފަހައްޓާ ކަށަވަރުކުރުމަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއަދު އެސްޓީއޯއިން މި ކަމާގުޅޭ ގޮތުން ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއީ ރައިސް މުއިއްޒުގެ ވައުދުތައް ފުއްދުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރައްވާ މަސައްކަތެއް ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހަށް އެސްޓިއޯއިން ވަރަށް ބޮޑަށް ތައްޔާރުވެއެވެ. އެގޮތުން އަންނައަހަރުގެ ރަމަޟާންމަހަށް ވެސް އެސްޓީއޯއިން ދަނީ ތައްޔާރުވަމުންނެވެ. މިދިޔަ އަހަރު ސަރުކާރުން ރާއްޖޭގެ ކޮންމެ ގޭ ބިސީއަކަށް ވަނީ ކާޑް ހަދިޔާ ކުރައްވާފައެވެ. އަދި މި އަހަރު ކޮންމެ ގޭ ބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރައްވަން ނިންމަވާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

