ރިޔާދުގައި ބޭއްވުނު ޔޫއެންސީސީޑީ ކޮޕް 16 ގައި ދިވެހިރާއްޖެއިން ބައިވެރިވެ، ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެކަށީގެންވާ ސިޔާސަތުތައް އެކުލަވާލުމަށް އިތުބާރުހުރި އަދި ފެންވަރު ރަނގަޅު ޑޭޓާގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ ވަޒީރު ޠާރިޤު އިބްރާހިމްއެވެ. އެބައްދަލުވުމުގައި ވަޒީރު ވާހަކަފުޅުދައްކަވަވަމުން ވިދާޅުވީ، މިފަދަ ޑޭޓާތަކަކީ ދިރާސާކުރާ ފަރާތްތަކަށާއި މުޖުތަމަޢުތަކަށް ތިމާވެށި ދެނެގަތުމަށާއި އޭގެ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމުގައެވެ. އަދި މި ދާއިރާގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި “އާރތު އިންޓެލިޖެންސް” އާއި އެހެނިހެން އައު ގޮތްތައް ބޭނުންކޮށްގެން ޑޭޓާ އެއްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭ ކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭރުގެ ބައިވެރިންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އެފަދަ އެހީތެރިކަމަށް މަރުޙަބާ ކިޔާ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށް، މި ދާއިރާގައި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

