ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީއަށް ހެދިހެން، ގައުމު ހިންގަވަން ހުންނެވި ވެރިޔާ ރައްޔިތުންނަށް އަނިޔާވެރިވީމާ ހަދަން ޖެހިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކައަށް އަމީންދީދީގެ ކާފަދަރިކަނބަލުން އަދި ރާއްޖެއިން ޔޫކޭއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވަނީ ހޫނު ރައްދެއް ދެއްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަރަހަނާޒް ވިދާޅުވެފައިވަނީ އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކުނިކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަން ވެސް ފަރަހަނާޒް ވަނީ ފާހަގަ ކުރައްވާފައެވެ.
ފަރަހަނާޒް ވަނީ މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑްތޯ ސުވާލު އުފައްދަވާފައެވެ. އަދި އެއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑް ކަމުގައިވާނަމަ، މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީ ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި މައްސަލަ ފެށުނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އިދިކޮޅު އެމްޑީޕީން ބޭއްވި “ގާނޫނުއަސާސީގެ ދިފާއުގައި” ނަމުގައި ބޭއްވި ޖަލްސާއެއްގައި އަބްދުއްރަހްމާން އިސްމާއިލް ކިޔާ މީހަކު ދެއްކި ވާހަކައަކުންނެވެ. އޭނާ ވަނީ ރައީސް އަމީނަށް ހެދިގޮތަށް މުއިއްޒުއަށް ހަދަން ޖެހިދާނެ ކަމަށް ބުނެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން ސުވާލުކުރުމުން ފައްޔާޒް ވިދާޅުވެފައިވަނީ ރައްޔިތުންނަށް ދެރަ ދިނީމައި ހަދަން ޖެހޭނީ މުހައްމަދު އަމީނަށް ހެދިހެން ކަމަށާއި އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް ކަމަށެވެ. އަދި ކުޅުދުއްފުށީ ޖަލްސާގައި އެ މީހަކު އެހެން ބުނެފައި ވަނީ ރައީސް ޑރ. މުއިއްޒަށް ނަސޭހަތެއް ދިނުމުގެ ގޮތުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

