އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން ކަމަށް ފާހަގަކުރައްވައި، ކަމާބެހޭ މުއައްސަސާތަކުން އެކަން ވަގުތުން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.
މި މައްސަލަ ފެށުނީ ކުޅުދުއްފުށި ސިޓީގައި ބޭއްވުނު އެމްޑީޕީގެ ޖަލްސާއެއްގައި އެ ޕާޓީގެ މެންބަރަކު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެ މެންބަރު ވިދާޅުވެފައިވަނީ "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކަމަށެވެ. މި ވާހަކައާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެ މެންބަރުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ.
ފައްޔާޒުގެ މި ވާހަކަފުޅު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ބޮޑަށް ފާޑުކިޔާފައެވެ. އަދި ސަރުކާރުގެ ވަޒީރުންވެސް ވަނީ މިކަން ކުށްވެރިކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ މިއީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ.
"މިއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން. މިއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭ ކަމެއް،" އަބްދުއްރަހީމް، އެކްސް ޕޯސްޓު
ރާއްޖޭގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ކާފަ ދަރިކަނބަލުން ފަރަހާނަޒް ފައިސަލްވެސް ވަނީ ފައްޔާޒުގެ ވާހަކަފުޅު ކުށްވެރި ކުރައްވާފައެވެ. ފަރަހަނާޒް ވިދާޅުވެފައިވަނީ އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

