ކިޔަވާ ނިމިގެން ނުވަތަ ގްރޭޑް 7 އާ ހަމައަށް ވިޔަސް ނިންމުމަށްފަހު ކިޔެވުމުގެ އިތުރު މަރުޙަލާއަކަށް ނުގޮސް، ކިޔެވުމުގެ އިތުރު ފުރުސަތެއް ނުލިބި އަދި ވަޒީފާއެއް އަދާނުކުރާ، 16 އަހަރުވެފައިވާ ކުދިން، ޤައުމީ ދިފާޢީ ބާރުގެ ރެކްރޫޓްމަންޓް ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރުވާގޮތަށް ޤާނޫނެއް އެކުލަވާލައްވައި، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް 2025 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދެވުމަށް 4 ނޮވެންބަރ 2024 ގައި ރައީސުލް ޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާތީ އެގޮތަށް އަމަލުކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރިއަށް ގެންގޮސްފިއެވެ.
ޤައުމީ ޚިދުމަތުގެ ބިލު އެކުލަވާލުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު މަޝްވަރާތައް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ވަނީ ފަށާފައެވެ. މިގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށް މަތީ ތައުލީމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ މަޝަވަރާތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ތަޢުލީމީ ދާއިރާގައި ނުވަތަ ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިނުވާ ޒުވާނުންނަށް އަމާޒުކޮށްގެން ލާޒިމު ޤައުމީ ޚިދުމަތެއް ތަޢާރަފުކުރުމުގެ މަސައްކަތުގެ ތެރެއިން ފެށިގެންދިޔަ މަޝްވަރާ ބައްދަލުވުންތަކެކެވެ.

