ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަކީ ދިވެހީންގެ ފަޙުރެވެ. ދިވެހީންގެ އުއްމީދެވެ. އެ އުއްމީދުތައް މިއަދު ދިވެހިންދެކެމުންދަނީ ފަޙުރުވެރިހިތަކުން ބަލައިގަންނަމުންނެވެ. ގައުމީ ލެއިން ހިތްތައް ކެކި އުތުރިއަރާއިރު މަސްވެރިކަމުގެ ބާނީން ކުރާ މަސައްކަތުގެ އަގުވަޒަން ކުރެވެންޖެހެއެވެ.
މަސްވެރިކަމުގެ ދުވަހެއް ފާހަގަކުރެވޭއިރު، ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހަކީ މަސްވެރިންގެ ދުވަހެވެ. މި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލަތަކަށް ހުވަދޫގެ ނިއުސްޓީމުން އަރިސްކުރަމެވެ. އަދި މަސްވެރިކަމުގެ ސިނާއަތު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ބާރުދޭ ފަރާތްތަކުގެ އަގުވެސް ވަޒަން ކުރަންޖެހޭއިރު ދިވެހި ސަރުކާރުން މި ސިނާއަތް ހަރުދަނާ ކުރުމަށް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އާއެކެވެ. ދައްކަން މިއުޅޭ ވާހަކައަކީ ދިވެހި ކަނޑުފަޅުން ނަފާ ހޯދަމުންދާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަކެވެ.

މަސްވެރިން ކަނޑުމަތީގަ /ފޮޓޯ ގޫގްލް
ސަރުކާރު ވުޖޫދަށް އައީ 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުގައެވެ. އެދުވަހަށްފަހު ސަރުކާރުގެ މައިގަނޑު އަމާޒަކަށްވީ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހޯދާ ބަލާ މަސްވެރިންނަށް ދޭން ޖެހޭ ފައިސާތައް ހެޔޮގޮތުގައި ދެވޭނެ ގޮތެވެ. އަދި މަސްވެރިންނާއި ގުޅުންހުރި ބޮޑެތި ވައުދުތައްވެ އެވައުދުތައް ފުއްދޭނެ ގޮތެކެވެ. އެހެންކަމުން މިވައުދުތައް ފުއްދުމަށް ސަރުކާރުން ހިފި އަމާޒާއެކު ކޮންމެ އޮޑިއެއްގައި ރެސްކިއު ޑައިވަރެއް ތަމްރީން ކުރެވިގެންދިޔައެވެ. އަދި އެ ޕޮރޮގުރާމް ވަނީ ކާމިޔާބު ކަމާއެކު ކުރިއަށްގެންގޮސްފައެވެ. ދެން ސަކާރުންވީ ވައުދަކީ މަސްވެރިން ބެންކުގެ ނިޒާމުގެ ތެރެއަށް ވެއްދުމެވެ. އަދި މަސްވެރިންގެ ދަފްތަރެއް އެކުލަވާލާ އެ ނިޒާމްގެ ތެރެއިން މަސްވެރިންނަށް ފަހި ފުރުސަތެއް ހޯދަދިނުމެވެ. އޭގެ ނަތީޖާ އަކަށް ވެގެންދިޔައީ އަހަރެއްގެ ތެރޭގައި ހާސިލްކުރަން ބޭނުންވި ކަންތައްތައް ހާސިލް ކުރެވިގެން ދިޔުމެވެ. މިފްކޯ އަކީ 100 ޕަސެންޓް ދިވެހި މަސްވެރީންގެ ކުންފުންޏަކަށް ބަދަލުކޮށް އެ ކުންފުނީގެ ބޯޑުގައި ސީދާ މަސްވެރިންގެ ބައިވެރިވުން އޮންނާނެ ގޮތަށް ކަނޑައެޅުމަށް ވެސް ރައީސް ނިންމެވިއެވެ.
މިފާހަގަކުރި ކަންތައްތައް ހާސިލް ކުރެވުނު ނަމަވެސް މަސްވެރިންގެ ނުހަނު ބޮޑު ކަންބޮޑުވުމެއް އޮތެވެ. އެއީ މަސްވެރިންނަށް ސަރުކާރުންދޭންޖެހޭ ފައިސާ ހަމަޔަށް ނުލިބުމާއި އެ ފައިސާ ހޯދަން ތަކްލީފަށް ވެފައި އޮތުމެވެ. މިއީ ކޮންމެ ސަރުކާރެއްގެމެ އޮންނަ ކަންބޮޑުވުމެކެވެ. މި ސަރުކާރުން ފާހަގަކުރި ގޮތުގައި މި ކަންބޮޑުވުންތަކަށް ހައްލު ނުހޯދެވި އޮތީ ކުރީ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބޮޑު އަދަދެއް ހުރުމުންނެވެ. އެހެންކަމުން ބެކް ލޮގް ކުލިއާ ކުރުމަށް ވަގުތު ނަގާނެ ކަމަށް ދިޔައީ ބުނަމުންނެވެ.
ފާއިތުވި ދުވަސްތަކުގައި މަސްވެރިންގެ އިހުތިޖާޖުތައް ގިނަވިއެވެ. ގއ. ކޫއްޑޫގައި، ހުވަދުއަތޮޅުގެ މަސްވެރިން އިހުތިޖާޖު ކުރިއެވެ. އައްޑޫ ސިޓީ މިފްކޯ އޮފީސް ބަންދުކޮށް އެތާނގައި އިހުތިޖާޖު ކުރިއެވެ. މިއީ މަސްވެރިން ރޭވި ބޮޑު އިހުތިޖާޖުތަކެވެ. އަދި ސޯޝަލް މީޑިއާގައިވެސް މަސްވެރިންގެ ކަންބޮޑުވުންތައްހުރީ އިންތިހާ ދަރަޖައިގައެވެ. އެ ހުރިހާ މަންޒަރެއް ބަލަން އޮތް ސަރުކާރުން މަސްވެރިންގެ އަޑު އަހަމުންދާ ކަމަށް އޭރުވެސް ދިޔައީ ބުނަމުންނެވެ. އަދި މިހާރުވެސް އަޑުއަހަކަމަށް ސަރުކާރުން ދަނީ ބުނަމުންވެ. ދެތެއްމެއެވެ. މަސްވެރިންގެ އަޑު ރައީސް ޑރ. މުހައްމަދު މުއިއްޒު އަހައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގައި އެކައުންޓް ހުޅުވާފައިވާ މަސްދޯނިތަކަށް، މިއަދުން ފަށައިގެން، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނެކަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ ޑިސެމްބަރު 9 ވަނަ ދުވަހުގައެވެ. މިއީ އެ މަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް ކަމުން އެކަންކުރުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މަސްވެރިންގެ 2023 ގުންޒަރުގައި ވާހަކަފުޅު ދައްކަވަނީ/ފޮޓޯ: ރައީސް އޮފީސް
ރައީސް މިކަން އިޢުލާން ކުރެއްވީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގަ ކ. ގާފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދައްކަން ޖެހިފައި އޮތް 38 މިލިއަން ރުފިޔާ، މިއަދު ހެނދުނުގެ ވަގުތެއްގައި ދައްކައި ޚަލާސް ކުރެވިފައިވާކަމަށެވެ. ބީ.އެމް.އެލްގައި އެކައުންޓް ހުޅުވާފައިވާ 196 ބޭފުޅަކަށް 32.4 މިލިއަން ރުފިޔާ، އަދި، އެމް.އައި.ބީގައި އެކައުންޓް ހުޅުވާފައިވާ 20 އޮޑިވެރިއަކަށް 5.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. މިއާއެކު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް ނިމުނީ ކަމަށާ، ކުރިއަށް އޮތް ތަނުގައި އެފަދަ ބެކްލޮގެއް ކުރިމަތި ނުވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ހަމަ މި ފަދައިން، ރައީސް ވަނީ، މަސްވެރިންނަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަމަށްވެސް ޙައްލު ހޯއްދަވައި ދެއްވައި، އެކަންވެސް އިޢުލާންކުރައްވާފައެވެ. އަދި މިއަދުން ފަށައިގެން، 4 ރަށެއްގައި ހުންނަ އެސް.ޓީ.އޯ ނުވަތަ އެފް.އެސް.އެމް ސައިޓްތަކުން "އެސްޓީއޯ ރޭޓް"ގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަޤީންކަން، ރައީސް ދެއްވާފައެވެ. އެއީ ކ. ހިންމަފުށި، ގއ. ކޫއްޑޫ، ޅ.ފެލިވަރު އަދި ސ. ހުޅުމީދޫއެވެ. އަދި ގއ. ކޫއްޑޫ، އަދި ޅ.ފެލިވަރު ސަރަޙައްދުގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރުންވެސް "އެސްޓީއޯ ރޭޓް"ގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް އެސް.ޓީ.އޯއިން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކ. ގާފަރު ސްކޫލުގައި ކުރިއަށް ދިޔަ އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަސްވެރިންނަށް އިތުރު ޚަބަރެއްވެސް ދެއްވާފައެވެ. އެގޮތުން އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޮންނަ އިނާޔަތްތައް މަސްވެރިންނަށްވެސް ފަހިވުމަކީ މަސްވެރިން އެދި ތިބި ކަމަކަށްވާއިރު، އަދުގެ ސަރުކާރުން އެކުލަވާލެއްވި މަސްވެރިންގެ ދަފުތަރަށް ޤާނޫނީ ޙައިޘިއްޔަތު ދެވިގެން ދާނެ ކަމުގެ ފެހި ސިގުނަލް، އެ މަނިކުފާނު ވަނީ ދެއްވާފައެވެ. މި ހަފުތާގެ ބުރާސްފަތި ދުވަހު، މަސްވެރިންގެ ދަފުތަރާ ބެހޭ ޤަވާއިދު ގެޒެޓް ކުރައްވާނެ ކަމަށާއި، އެހާ ހިސާބުން، އެހެން ދާއިރާތަކުގެ މަސައްކަތްތެރިންނަށް ބީ.އެމް.އެލް، އެމް.އައި.ބީ އަދި އެސް.ޓީ.އޯއިން ދޭ އިނާޔަތުގެ ސްކީމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު، ދަފުތަރުވެފައިވާ މަސްވެރިންނަށްވެސް ހުޅުވިގެންދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

މަސްވެރިން
މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް ކުރިއެރުވުމުގެ މަސައްކަތްތައް ކުރިއަށް ދަނީ އިސްތިރާޖީ ވިސްނުމުގެ ތެރެއިންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ވީހާވެސް ލާމަރުކަޒީ އުސޫލަކުން ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އައިސްޕްލާންޓްތައް ހިންގުމުގެ ކޮންޓްރޯލް، މަސްވެރިން އެދޭނަމަ ކައުންސިލްތަކާ ޙަވާލު ކުރައްވަން ތައްޔާރަށް ހުންނެވިކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަ ކުރައްވާފައެވެ. މީގެއިތުރުން، މަސްވެރިން ބާނާ މަހުގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް މިހާރުވެސް ފެށިފައި ވާ ކަމަށާ، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް އެކަންކަން ކުރިއަށް ދާނެ ކަމަށާއި، މަސް ބަންދުކުރުމުގެ މަސައްކަތްވެސް މި ބީދައިން ހިނގާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތް މި ރާއްޖޭގައި އިންތިހާއަށް ފުޅާވެ، އިޤްތިޞާދީ ޒޯނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ބޮޑު ހިއްސާއެއް އޮތް ސިނާޢަތަކީވެސް މަސްވެރިކަމުގެ ސިނާޢަތް ކަމަށް ވުމަކީ ކުރައްވާ އުންމީދެއް ކަމުގައި ރައީސް ވިދާޅުވެފައެވެ.
ކަންމިހެން އޮތުމުން މަސްވެރިންގެ ދުވަސް، މަސްވެރިންނާއި މަސްވެރި އާއިލާތަކާއި މިފަހަރު ބައްދަލުކުރީ ހިނިތުންވަމުންނެވެ. މާމަލުގާ ނަލަ ކުލަ ޖައްސަމުންނެވެ.

