ކުރީގެ ރައީސް މުޙައްމަދު އަމީންއަށް އަނިޔާކޮށް ހަވަަރަށް ދިން ފަދައިން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވެސް އެހެން ހަދަންޖެހޭ ކަމަށް ދޭހަވާ މޭރުމުން އެމްޑީޕީގެ މެންބަރުން ވާހަކަދައްކަމުން އަންނާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ޙަަސަން މުފީދު ޢަބްދުލްޤާދިރެވެ.
އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ޕޯޑިއަމްތަކުގައި ވާހަކަދައްކަމުން އަމީނަށް ހެދިހެން ރައީސް ޑރ. މުޢިއްޒަށް ހަދަންޖެހޭ ކަމަށް ބުނަމުން އަންނަ ކަމަށެވެ. އެއީ ޓެރަރިޒަމާ ޚިތްވަރުދިނުމުގެ އަމަލެއް ކަމަށް ވެސް މުފީދުގެ މައްސަލާގައި ބުނެފައިވެއެވެ.
އަދި މިއީ ވަކި ސިޔާސީ ފިކުރެއް ކުރިއަރުވައި އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށް ކުރި ކަމެއް ކަމަށާއި އެހެންކަމުން ތަހުގީގީ އިދާރާތަކުން މި މައްސަލަ ބަލަންޖެހޭ ކަމަށް ވެސް މައްސަލާގައި ބުނެފައިވެއެވެ.
މި މައްސަލަ ބަލައިގަނެ މިހާރު މެންބަރުން ދަނީ މައްސަލައަށް ބަހުސްކުރައްވަމުންނެވެ.
ދާދިފަހުން ކުޅުދުށްފުށީގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީ މެންބަރެއް ކަމަށްވާ ޢަބްދުއްރަޙްމާން އިސްމާޢީލް ކިޔާ މީހަކު ވަނީ ކުރީގެ ރައީސް މުޙައްމަދު އަމީން ”ކުޅުނީ ދުންފަތާ” ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ”ކުޅުނީ ގާނޫނުއަސާސީއާ” ކަމަށެވެ. އެހެންކަމުން އަމީންދީދީއަށް ހެދި ގޮތް ރައީސް ޑރ. މުޢިއްޒަށް ހަދަންޖެހޭ ކަމަށް ދޭހަވާ މޭރުމަކުން އޭނާ ވާހަކަ ދެއްކިއެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ސުވާލުކުރުމުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވެސ ވިދާޅުވީ ކުޅުދުށްފުށީ ޕޯޑިއަމްގައި އެބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސް ޑރ. މުޢިއްޒަށް ނަސޭހަތެއްގެ ގޮތުގައި ކަމަށެވެ. އަދި ޕޯޑިއަމެއްގައި ރާއްޖޭގެ ތާރީޚުގައި ހިނގާފައި ހުރި ކަންތައްތައް ވެރިންނަށް ހަނދާން ކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އަދި ރައްޔިތުންނަށް ދެރަދިނީމަ ހަމަ ހަދަންޖެހޭނީ އަމީނަށް ހެދިހެން ކަމަށާއި، ރައްޔިތުންނަށް އަނިޔާވެެރިވާނަމަ، ދިވެހި ރައްޔިތުން ”ކުޅޭނީ” ތާރީޚުގެ ފޮތްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

