ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކުރަން ދިން މުއްދަތު 31 ޑިސެމްބަރަށް ހަމަވާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކޮށް، ޖޫރިމަނާއާއި ނުލާ ފައިސާ ދެއްކޭނެ އިންތިޒާމު 01 އޭޕްރިލް 2024 އިން ފެށިގެން ވަނީ ހަމަޖެހިފައެވެ.
ޝަރުތު ހަމަވާ ކެޓަގަރީ: އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ބިލުތަކުން. (ޑޮމެސްޓިކް ކަސްޓަމަރުންނަށް)
ޖޫރިމަނާ މައާފުކުރެވޭނެ ބިލުތައް: 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކަށް.
ޖޫރިމަނާ މައާފު ކުރެވޭ ގޮތް: 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާއި ނުލާ ބާކީ އަދަދު) ދެއްކުމުން، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ބިލަށް އަރާފައިވާ ޖޫރިމަނާ މައާފުކުރެވޭނެ.
ސްޓެލްކޯއިން ބުނީ މި މުއްދަތުގެ ބިލުތަކަށްވާ ފައިސާގެ އަދަދު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް، ޖޫރިމަނާއާއި ނުލައި ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން ޖޫރިމަނާއާއި ނުލާ ބާކީ އަދަދު ދެއްކޭނެ ގޮތަށް ބިލުތަކަށް ވަގުތީ ގޮތުން އެޖަސްމެންޓެއް ހިމެނިފައިވާ ކަމަށާއި، އަދި، މި ބިލުތަކަށް 31 ޑިސެމްބަރުގެ ނިޔަލަށް ޔޫސޭޖް އަދަދު (ޕްރިންސިޕަލް އަދަދު) ދައްކާ ޚަލާސްނުކުރެވޭނަމަ، މި ބިލުތަކުން އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު އަލުން 01 ޖަނަވަރީ 2025 އިން ފެށިގެން ބިލުތަކުގައި ހިމެނިގެންދާނެ ކަމަށެވެ.
އިތުރު މައުުލޫމާތު ހޯއްދެއްވުމަށް، ސްޓެލްކޯގެ ހޮޓްލައިން 1545 ނުވަތަ billing@stelco.com.mv އަށް އީ-މެއިލް ކުރެއްވުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

