ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރި ކަމުގެ ތުހުމަތުގައި ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުވައްމުލައް ސިޓީގައި 2024 ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން "އޮޕަރޭޝަން ވެށި ރައްކަލް" ގެ ނަމުގައި ޚާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 4,048 ހޮޓްސްޕޮޓް ބަލައި ފާސްކޮށް، 1,147 މީހުން ހުއްޓުވައި ސުވާލުކޮށް ބަލައި ފާސްކޮށް، 58 މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ޖުމުލަ 75 މައްސަލައެއް ތަހުގީގުކޮށް، 65
މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް ކުރެވުނު މަސައްކަތުންނާއި ހިންގުނު ތަހުގީގު ތަކުން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެފަރާތްތަކަށް އެހީތެރިވާ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސް އަދި ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، ފުވައްމުލައް ސިޓީގައި ނެޓްވޯކް ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑަރ ކުރުމުގައި އިސްވެ ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި އެ ރަށު ދޫޑިގަން، ކަރަންކާވިލާ، އަޙްމަދު ނިއުޝާދު (34އ) އާއި، ދޫޑިގަން، ޒަމާނީގެ، ޙަސަން ޢާޒިމް (29އ) އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ފާއިތުވި 5 އަހަރު ތެރޭގައި އަޙްމަދު ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން، ފާއިތުވި 2 އަހަރު ތެރޭގައި ޙަސަން ޢާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް
7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 21 މީހަކާއި 2 ކުންފުންޏެއްގެ އެކައުންޓް ކޯޓު އަމުރުގެ ދަށުން ހިފަހައްޓައި، މި ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

