އަންނަ އަހަރުގެ ކުރީކޮޅު މާލެ ސަރަޙައްދުގެ ސިއްހީ ނިޒާމަށް 117 އެނދު އިތުރުކުރެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާގު ހަލީމު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން އެނދުތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދަނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލަށް ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގެ ކުރީގެ އެޑްމިނިސްޓްރޭޓިވް ބްލޮކްގައި 75 އެނދުގެ ވޯޑެއް ތައްޔާރުކުރަމުންދާ ކަމަށާއި، މި މަސައްކަތް މިއަހަރު ނިންމައި އަންނަ އަހަރުގެ ކުރީކޮޅު ހިދުމަތް ދޭން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ އީއާރް ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން 14 އެނދު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ހަމައެހެންމެ ހުޅުމާލެ ހޮސްޕިޓަލުގެ 6 ބުރީގެ ޢިމާރާތުގެ 3 ވަނަ ފަންގިފިލާގައި 28 އެނދުގެ ވޯޑެއް ތައްޔާރު ކުރަމުންދާ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
މި މަޝްރޫއުތަކާއެކު މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލުތަކުގެ އެނދުގެ ކެޕޭސިޓީ 316 އިން 433 އަށް އިތުރުވެގެންދާނެ ކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި މާލެ ސަރަޙައްދުގެ ސިއްޙީ ނިޒާމުގައި ހުރީ އެންމެ 316 އެނދެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ، މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކުން މާލެ ސަރަޙައްދުގައި ހިމެނޭ ސަރުކާރު ހޮސްޕިޓަލުތަކަށް ބަލިމީހުން ރިފަރކުރާއިރު، އާބާދީއަށްވުރެ ބޮޑުތަނުން މަދުކޮށްހުރި މި ހޮސްޕިޓަލުތަކުގެ އެނދުތަކަށް ބާރު ބޮޑުވެގެންދާ ކަމަށެވެ. މިއީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އަބަދުވެސް ކުރިމަތިވަމުންދާ އެންމެ ބޮޑު ހުރަސްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުތަކުގެ އިތުރުން، ސަރުކާރުން ސިއްހީ ނިޒާމަށް ކަނޑައަޅާފައިވާ އެހެނިހެން މަޝްރޫއުތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލާއި، ތެލަސީމިއާ ހޮސްޕިޓަލާއި، ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލަށް އިތުރުކުރާ އެކްސްޓެންޝަން އިމާރާތާއެކު އެނދުގެ ކެޕޭސިޓީ އިތުރަށް އިތުރުވެގެންދާނެ ކަމަށްވެސް ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާގު ހަލީމު ފާހަގަކުރެއްވިއެވެ.

