މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހި ރައްޔިތުން ނިކަން ލޯބިން ހޮވި ވެރިޔެއްކަމަށާއި، އެމަނިކުފާނަށް އަނިޔާވެރިވުމަށް މަސައްކަތްކުރާ މީހުން ހައްޔަރުކޮށް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ މިއަދު ގޮވާލައްވައިފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، ރާއްޖޭގެ މުސްތަޤުބަލަށްޓަކައި، ދިވެހި މިނިވަންކަމަށްޓަކައި އަދި އިސްލާމްދީނަށްޓަކައި ދިވެހި ރައްޔިތުން ނުހަނު ލޯބިން ވެރިޔަކު ވެރިކަން ކުރައްވާތަން ފެންނަން ނޭދޭ ބަޔަކު މިހާރު އުޅޭ ކަމަށެވެ.
"ރާއްޖޭގެ މުސްތަގުބަލަށްޓަކައި ދިވެހި މިނިވަންކަމަށްޓަކައި ދިވެހިރާއްޖޭގައި އިސްލާމް ދީނަށްޓަކައި ދިވެހި ރައްޔިތުން ނުހޭ ލޯބިން ވެރިޔަކު ވެރިކަން ކުރައްވާ ބައްލަވަން މި ބޭފުޅުންނަށް ކެތްނުކުރެވޭ ތަން އަޅުގަނޑުމެން މި ފެންނަމުން. މި ދަނީ އެ ބޭފުޅުން ޖެހި ދަންތުރައެއް ނުލާކު ފަސޭހަކަމާއެކު ސަލާމަތްވެވަޑައިގެން އަމިއްލަފުޅު ބަޖެޓަކާ އެކު ދެވަނަ އަހަރެއްގެ މަލަމަތި މި ބޭފުޅުންނަށް ފެންނާތީ މިކަމާ ހިތްހަމަނުޖެހިގެން މި ބޭފުޅުން މަސައްކަތް ކުރައްވާތަން އަޅުގަނޑުމެންނަނަށް މި ފެންނަނީ،"
"އަޅުގަނޑުމެންނަށް އިއްޔެ ރާއްޖޭގެ ރަށްތަކުން އެމަނިކުފާނަށް ކީ މަރުޙަބާ ވަރަށް ރީތިކޮށް ފެނިގެންދިޔަ. އޭގެ ސަބަބުން ވެސް މި ބޭފުޅުން ހިތުގައި އިތުރަށް ބިރުވެރިކަމެއް އުފެދިގެންދާނެ، މި ބޭފުޅުން މި ކުރާ މަސައްކަތް ކާމިޔާބު ނުވެދާނެތީ،" މެންބަރު ދީދީ ވިދާޅުވިއެވެ
ދިވެހިރާއްޖޭގެ ވެރިކަން އެ ބޭފުޅުންނަށް ލިބެން އޮތީ ރާއްޖޭގެ ވެރިޔަކަށް ހުންނެވި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލައިގެން ކަމަށް ވާނަމަ އެކަން ކުރުމުގެ ފުރުޞަތު ދިނުމަކީ އެއީ އެއްގޮތަކަށް ވެސް އެ ބޭފުޅުންނަށް ދެކެވޭނެ ވާހަކައެއް ވެސް ނޫން، ދައްކަންޖެހޭ ވާހަކައެއް ވެސްނޫން. އެހެންވީމަ މިއީ ބަލަންޖެހޭ މައްސަލައެއް، ވީހާވެސް އަވަހަކަށް މިކަން ތަޙުޤީޤުކޮށް މިކަމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދެއްކި އެންމެހާ ބޭފުޅުންނަށް ފިޔަވަޅު އެޅުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް."
މެންބަރު ދީދީ އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ވަނީ ރާއްޖޭގައި ގެއްލެމުންދިޔަ މިނިވަންކަން އަނބުރާ ހޯއްދަވައިދެއްވާ، ވެއްޓިފައިވާ އިޤްތިޞާދު ސަލާމަތްކުރެއްވުމަށް މަސައްކަތްކުރައްވާ، އަދި އިސްލާމްދީން ހިމާޔަތްކުރުމަށް ކެނޑިނޭޅި މަސައްކަތްކުރައްވާފައި ކަމަށެވެ.
"ދިވެހި ރައްޔިތުން ނުލާހިކު އުންމީދުގައި އިންތިޚާބުކޮށް ވެރިޔަކަށް މި ދައުރު ފުރިހަމަކުރުމަށްޓަކައި މި ބޭފުޅުން މި ކުރައްވާ މަސައްކަތުން އެއްވެސް ހުރަހެއް ލިބިދިނުމަކީ ދިވެހި އެއްވެސް ރައްޔިތަކު އެދޭ ކަމެއް ނޫން،" މެންބަރު ދީދީ ވިދާޅުވިއެވެ.
މެންބަރު ދީދީ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް އަނިޔާވެރިވުމަށް ހިތްވަރުދޭ ގޮތަށް ވާހަކަދައްކާ އެންމެހާ ފަރާތްތަކާމެދު ވީހާވެސް އަވަހަކަށް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް އެދޭ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ވެރިކަން ދިފާޢުކުރުމަށް މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރުމަށް ގޮވާލެއްވިއެވެ.
"އެހެންވީމާ އަޅުގަނޑު ވާހަކައަކީ ދިވެހި ރައްޔިތުންނާ ދިވެހި ޤައުމާއި ދިވެހި ޤައުމުގެ މުސްތަޤްބަލަށްޓަކައި މި ކުރާ މަސައްކަތްތަކަށް ފުރުޞަތު ދިނުމަކީ މަޖިލީހުގައި ތިބި އިއްޒަތްތެރި މެންބަރުންގެ ވެސް ވަރަށް ބޮޑު ޒިންމާއެއް އެހެންވީމާ އެމަނިކުފާނުގެ ވެރިކަން ދިފާޢުކުރުމަށް ޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތް ﷲއިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރައްވަމުންދަނީ ވަރަށް ޖޯޝާއި ފޯރީގައި އެހެންވީމާ މިފަދަ ހަމަލާއެއް ދިނުމަށް ޓަކައި މިފަދަ ކަންކަން ރާވައި ހިންގަވާ ފަރާތްތަކާ މެދު ދިވެހި ދައުލަތުގެ އެންމެހައި މުއައްސާތަކުން ފިޔަވަޅުމަށް އަޅުގަނޑު ގޮވައިލަން،"

