ދިވެހިރާއްޖެއިން އަބަދުވެސް އިންސާނީ ޙައްޤުތަކުގެ އުޞޫލުތައް ނަގަހައްޓައި، ދަމަހައްޓާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، އިންސާނީ ޙައްޤުތައް ނަގަހައްޓާ، ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، "ބައިނަލްއަޤްވާމީ ފެންވަރުގައި އިންސާނީ ޙައްޤުތަކުގެ ދުވަހެއް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ޙައްޤުތަކަކީ، ގުޅިލާމެހިފައިވާ ޙައްޤުތަކެއްކަން ހަނދާންކުރަންޖެހޭނެ" ކަމަށެވެ. އަދި "ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ، ކަރާމާތާއި ހަމަހަމަކަމާއި އަދުލު އިންސާފު ޤާއިމްކުރުން ކަމުގައި ވާހިނދު، އެފަދަ މުޖުތަމަޢެއް ބިނާކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ" ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޚާއްޞަ ޖިއޮގްރަފީއަށް ރިޢާޔަތްކޮށް، ޞިއްޙީ ޚިދުމަތާއި، ތަޢުލީމާއި، ޢަދުލުއިންޞާފުގެ ހަމަހަމަކަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމާއި، މަސައްކަތްތެރިންގެ ޙައްޤުތަކާއި، މިންތީގެ ހަމަހަމަކަމާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރ 10 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަން ފެށީ 1948 ވަނަ އަހަރު އ.ދ. ޢާންމު މަޖިލީހުން އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރު ފާސްކުރުމާ ގުޅިގެންނެވެ. މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިއާރަކީ "އަޅުގަނޑުމެންގެ ޙައްޤުތައް، އަޅުގަނޑުމެންގެ މުސްތަޤުބަލު، ހަމަ މިހާރު،" އެވެ.

