މަސްވެރިންގެ ދުވަހާ ގުޅުވައިގެން މާލޭ އާޓިފިޝަލް ބީޗްގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. މި ހަވީރަކީ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް އުފެއްދި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑުން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެކެވެ.
“މަސްވެރި އުފާ” ގެ ނަމުގައި ބޭއްވުނު މި ހަވީރު ކުރިއަށް ގެންދިޔައީ ހަވީރު 4 އިން 6 އަށެވެ. މި ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު، ކުޑަކުދިންނާ ގުޅޭ ތަފާތު ކުޅިވަރު ހަރަކާތްތަކާއި، ސްޓޯލްތަކާއި، ފޮޓޯ ނެގުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، ރޮބޯމޭންގެ ހުށަހެޅުންތައްވެސް މި ހަވީރުގައި ފެނިގެން ދިޔައެވެ.
މި ހަވީރުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ. ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅިގެން އެއް ހަފްތާއަށް އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވުޒާރާއިން ރާވާފައިވާ ކަމަށެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އާއިލާތަކުން އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“އިވެންޓް ވަރަށް ފުރިހަމަ. މިހާ ކުރު މުއްދަތެއްގައި މި ހަރަކާތް ރޭވީ. ކުންފުނި ޅަފަތުގައި އޮތް ނަމަވެސް އަންނަ އަހަރު ކުންފުނީގެ ހަރަކާތްތައް ބާރަށް ކުރިއަށްދާނެ،” ވަޒީރު ވިދާޅުވިއެވެ.
މި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ކުދިން ބުނީ ގިނަ ގޭމްތަކެއްގައި ބައިވެރިވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވުނު ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، ކުރިއަށް އޮތްތަނުގައި މި ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

