ގއ ގެމަނަފުށީ އައިޑިއަލް ޖަމިއްޔާއިން އެރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބީޗް ވޮލީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އެ ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި ގެމަނަފުށީގައި މުޅިން އަލަށް އަދި ހުވަދު އަތޮޅުގައި ވެސް މުޅިން އަލަށް ބާއްވަން ތައްޔާރުވަމުންދާ ބީޗް ވޮލީ މުބާރާތުގެ މަގުސަދަކީ ބީޗް ވޮލީ މި ސަރަހައްދަށް ތަޢާރަފް ކުރުމާއި، އަދި ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ އިތުރުން، މިހާރު ކުރިއަރަމުންއަންނަ ބީޗް ވޮލީއަށް އިތުރު ހިތްވަރެއް ދިނުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިމެނޭ މުބާރާތެއް ކަމަށެވެ.
މި މުބާރާތް އަދި ހުޅުވާލެވިފައިވަނީ ގެމަނަފުށީ ޒުވާނުންނަށް ކަމަށްވިޔަސް، މުސްތަގުބަލުގައި މުބާރާތުގެ ފޯރި އާއި ޝައުގުވެރިކަމަށް ބަލައި މުޅި ހުވަދު އަތޮޅަށް ފުރުސަތު ދިނުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށާއި، އަދި ބީޗް ވޮލީ މުބާރާތް އެސޯސިއޭޝަންގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމަކީ 10،000 ( ދިހަހާސް ) ރުފިޔާއެވެ.އަދި ރަނަރަޕް ޓީމަށް 5000 ( ފަސްހާސް ) ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މި މުބާރާތުގައި ކުޅުމުގެ ފުރުސަތު 15 އަހަރާއި 45 އަހާރައި ދެމެދުގެ ޒުވާނުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 12 ޑިސެމްބަރ 2024 އެވެ. އަދި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 17 ވަނަ ދުވަހުއެވެ.

