މަސްވެރިންނަށް "އެސްޓީއޯ" ރޭޓްގައި ތެޔޮ ވިއްކަން ފަށައިފިއެވެ.
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން "އެސްޓީއޯ ރޭޓް" ގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ "ފަހި ހަކަތަ" ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު މި ކުންފުނިން މިދަނީ ހަމަޖައްސަމުން ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެގޮތުން 10 ޑިސެމްބަރު ވީ އަންގާރަ ދުވަހު ފާހަގަކުރި ގައުމީ މަސްވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ގޮތަށް، ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން، މި ދެންނެވި ރޭޓުގައި ތެޔޮ ވިއްކަން މިހާރުވަނީ ފަށާފައެވެ.
އަދި 2025 ގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކޮށް، "އެސްޓީއޯ ރޭޓް" ގައި ތެޔޮ ލިބޭނޭ އިންތިޒާމް ހަމަޖައްސުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެސްޓީއޯން ބުނއެވެ.

